ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލި، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އާތިފް ރަޝީދާ ދެކޮޅަށް ހެކިބަސްދިން މީހަކަށް ބިރުދައްކައި އިންޒާރުދޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އާތިފް ބަންދުން ދޫކޮށްލުމުގެ އެތައް ދުވަހެއް ކުރިންނެވެ. ފުލުހުންނަށް ހުށަހެޅި މައްސަލާގައި ވަނީ އާތިފްއާ ދެކޮޅަށް ހެކިބަސްދީފައިވާ މީހުންގެ މަައުލޫމާތު ލީކުކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުގެ ތެރެއިން ކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަން ވެސް ސަން އަށް ވަނީ އެނގިފައެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އާތިފްއާ ދެކޮޅަށް ހެކިބަސްދިން މީހާއަށް ބިރުދައްކައި އިންޒާރުދެމުން ދާތީ ފުލުހުން މިހާރު ދަނީ އެމީހާއަށް ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.

އާތިފްގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނުނިމެނީސް އޭނާ ވަނީ މިއަދު ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާތިފް ދޫކޮށްލީ އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

އަރުހަމް މަރާލި މައްސަލަ ކުރިން ބެއްލެވި ގާޒީ މުހުތާޒު ފަހުމީ މައްސަލަ ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން އާތިފްގެ އާއިލާގެ ފަރާތުން ސިޓީއެއް ފޮނުވުމުން، މިހާރު އެ މައްސަލަ ހަވާލުކޮށްފައި ވަނީ ގާޒީ އަބްދުﷲ ދީދީއާ އެވެ.

އާތިފް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.