04 Jun 2015, 17:06
ސާޗް އީންޖީން ގޫގުލްގައި އެންމެ ބޮޑު 10 ކުށްވެރިންގެ ފޮޓޯ ހޯދަން ސާޗް ކުރުމުން އަންނަ ފޮޓޯތަކުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ހިމެނިގެން ގޫގުލް އިން އެކަމަށް މައާފަށް އެދިއްޖެ އެވެ.
ގޫގުލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް އެކަން ވުމުގެ ސަބަބުން އަރައިފާނެ އޮޅުމަކަށް އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ.
ގޫގުލްގައި " ޓޮޕް10 ކްރިމިނަލްސް" ޖެހުމަށް ފަހު ފޮޓޯ ސާޗް ކުރުމުން އަންނަ ފޮޓޯތަކުގެ ތެރޭގައި ފުރަތަމައަށް ހިމެނިފައި ވަނީ މޯދީގެ ފޮޓޯއެކެވެ. އަދި ތިން ވަނައަށް ވެސް ހިމެނިފައި ވަނީ އޭނާގެ ފޮޓޯއެކެވެ.
އިމޭޖް ސާޗްގައި ފުރަތަމައަށް އަންނަ ފޮޓޯއަކީ މޯދީގެ ތާއީދު ލިބިވަޑައިގެން ހުންނެވި އިންޑިއާގެ ތައުލީމީ ބޭފުޅަކު ނަސްލީ އިމްތިޔާޒް ގެންގުޅުއްވި ކަމަށް ތުހުމަތު ކުރެވުނު ހަބަރު ލިއުމަށް ފަހު އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓެލެގްރާފްގައި ޖަހާފައިވާ ފޮޓޯއެކެވެ. އަދި ތިން ވަނަ އަށް އަންނަ ފޮޓޯއަކީ އިންޑިއާގެ ނޫހަކުން މޯދީގެ ހަބަރެއްގައި ޖަހާފައިވާ ފޮޓޯއެކެވެ.
ޓޮޕް 10 ކްރިމިނަލްސް ޖަހާފައި ސާޗް ކުރުމުން އަންނަ ފޮޓޯތަކުގެ ތެރޭގައި އެބޭފުޅުންގެ ފޮޓޯ ހިމެނޭ ދުނިޔޭގެ އެހެން ބައެއް ލީޑަރުންގެ ތެރޭގައި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުޢައްމަރުލް ޣައްޒާފީއާއި އެމެރިކާގެ ކުރީގެ ރައީސް ޖޯޖްޑަބްލިއު ބުޝް ހިމެނެ އެވެ.
އެގޮތަށް ސާޗް ކުރުމުން އެބައެއްގެ ފޮޓޯ އަންނަ އިންޑިއާގެ މަޝްހޫރުމީހުންގެ ތެރޭގައި ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަދި އާމް އާދުމީ ޕާޓީލެ ލީޑަރު އަރުޖުން ކެޖުރުވާލްއާއި ފިލްމީ ތަރި ސަންޖޭ ދަތު ހިމެނެ އެވެ.
ގޫގުލްގެ ބަޔާނުގައި ބުނެފައި ވަނީ ސާޗް ރިޒަލްޓްތައް ހައިރާންވާ ފަދަ ގޮތަކަށް އަންނަ މައްސަލަ ހައްލު ކުރުމަށް މަސައްކަތް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.