ތިން ރަށެއްގައި މިސްކިތް އެޅުމުގެ ގޮތުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓުރީން ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓުރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގއ. ވިލިނގިލިއާ ރ. މީދޫގެ އިތުރުން ގދ. ވާދޫގެ މިސްކިތް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެދޭ ކަމަށެވެ.

ފިނޭންސުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތެއް ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 25،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ފިނޭންސުން ބުނީ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓުރީގެ ނޭޝަނަލް ކޮންޓްރެކްޓަސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ގުރޭޑުތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓުރީން ބުނީ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައި ގަންނާނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަން ހުށަހަޅާއިރު ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި އެ ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށް ވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ޕުރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 15 ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.