އިންޑިއާ އާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ ނަސޭހަތް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ ޓީމެއް އެ ދެ ގައުމަށް ދިއުމަށް ނިންމައިފި އެވެ.

މިއަދު ފުރުމަށް ހަމަޖެހިފައިވާ އެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް މުހައްމަދު ގުބާދު އަބޫބަކުރާއި ޝެއިހް އިބްރާހިމް އަހުމަދާއި އެގްޒެކްޓިވް ކޯޑިނޭޓަރު ޝެއިހް އަލީ ޝަރީފެވެ.

ޝެއިހް އިބްރާހިމް "ސަން"އަށް މިއަދު ވިދާޅުވީ، އެ ދަތުރުގައި އިންޑިއާ އާއި ލަންކާގައި ދެ ދުވަސް ހޭދަ ކުރަން ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެ ރޭ ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައި ވަނީ ޓްރިވެންޑްރަމްގައި ކަމަށާއި އާދިއްތަ ދުވަހުގެ ރޭ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ލަންކާގައި ކަމަށެވެ.

"އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދީނީ ނަސޭހަތްދީ، ލަންކާއިން ހާފިޒުން ހޯދުމުގެ މަސައްކަތް ކޮށްލާންށާއި އެކީ ދަނީ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެދަތުރަކީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެދުމުގެ މަތިން ކުރައްވާ ދަތުރެއް ކަމަށެވެ.