04 Jun 2015, 16:23
އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުންނާއި މެނޭޖްމެންޓްގެ ފަރާތުން ޖުމްލަ 67،970 ރުފިޔާ ނޭޕާލު ރިލީފް ފަންޑަށް ހަދިޔާ ކޮށްފި އެވެ.
މިއަދު އެ ފައިސާ ނޭޕާލް ފަންޑަށް ހަދިޔާ ކޮށްފައި ވަނީ އެކަމަށް އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ޥާހަކަފުޅު ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ނޭޕާލަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ރިލީފް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ފަންޑު ފޮށްޓެއް ބަހައްޓާފައިވާ ކަމަށެވެ.
އެ ފަންޑަށް މުވައްޒަފުން އަޅާފައިވާ ފައިސާ އެ އިން އަދަދު ހަމަ ހޮސްޕިޓަލުގެ މެނޭޖުމެންޓުގެ ފަރާތުން ނޭޕާލް ފަންޑަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުން އަމަލު ކުރިގޮތަކީ ސްޓާފުންނަށް ހުޅުވާލީ ފައިސާ ހަދިޔާ ކުރުމަށް ފަންޑު ފޮށްޓެއް ހުޅުވައިގެން. އަދި އެ ފަންޑު ފޮއްޓަށް މިތަނުގެ ސްޓާފުން ކޮންޓްރިބިއުޓް ކުރި އަދަދަކަށް އަޅުގަނޑުމެންގެ މެނޭޖުމެންޓުން ވެސް ދިނުމަށް ނިންމިން. ފުރަތަމަ މި ފަންޑު ފޮށި ސްޓާފުންނަށް ހުޅުވުމަށް ފަހު މިހާރު ވަނީ އެ ފޮށި ބަންދުކޮށްފައި،" އަފްއާލު ވިދާޅުވި އެވެ.
ތިން ހަފްތާއަށް ހުޅުވާފައި ހުރި އެ ފަންޑް ފޮއްޓައް މުވައްޒަފުންގެ ފަރާތުން ވަނީ 33،985 ރުފިޔާ ޖަމާކޮށްފަ އެވެ. އަދި މެނޭޖުމެންޓްގެ ފަރާތުން ވެސް ހަމަ އެ އަދަދު ވަނީ ޖަމާކޮށްފަ އެވެ.
ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ މީޑިއާގެ ފަރާތްތަކާ ގުޅިގެން ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޖަމާކުރުމަށް މިދިޔަ މަހު 24 ގައި ކުރިއަށް ގެންދިޔަ "ނޭޕާލާ އެކު އެންމެން" ޓެލެތޯނަށް 1.7 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.