04 Jun 2015, 17:03
އަންނަ މަހުން ފެށިގެން ބިދޭސީ މަސައްކަތްތެރިން އިންޝުއާ ކުރަން މަޖުބޫރު ވާނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވެއްޖެ އެވެ.
ބިދޭސީ މަސައްކަތްތެރިންގެ އިންޝުއަރަންސު ސުކީމާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އިމިގްރޭޝަން ޑިޕާޓްމެންޓްގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ އެލައިޑް އިންޝޫރެންސާއި އެ ޑިޕާޓްމަންޓާ ގުޅިގެން ކުރިއަށްގެންދާ އެ ސުކީމްގެ ސަބަބުން ބިދޭސީ މަސައްކަތްތެރިނާއި ވަޒީފާދޭ ފަރާތްތަަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"މީގައި ހަމައެކަނި ބިދޭސީ މަސައްކަތްތެރިއާގެ ހައްގުތަކެއް ނޫން މި ހިމާޔަތްކުރެވެނީ. ހަމަ އެއާ އެކު ބިދޭސީން ލައްވައި މަސައްކަތްކުރުވާ މީހުންނަށް ވެސް މި އޮންނަނީ ބޮޑު ބައްޔެއްދިމާވާ ފަހަރަކު ނުވަތަ ފުރާނައަށް ނުރައްކާވާ ފަހަރަކު ނުވަތަ ނިޔާވާ ހިނދު އަނބުރާ ގައުމަށް ނުފޮނުވި،" އަަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސުކީމުގައި ބައިވެރިވުމުން އެކަމުގެ ފައިދާ ދެ ފަރާތަށް ވެސް ކުރާނެ ކަމަށެވެ.
އެކެއް ޖުލައިން ފެށިގެން އިންޝޫރެންސް ޕޮލިސީނެތި ވިސާއެއް ނުލިބޭނެ
އިމިގްރޭޝަނުން ބުނީ އަލަށް ވަޒީފާތަކަށް އަންނަ ބީދޭސީންނަކީ، އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން އެ އިންޝޫރެންސް ސުކީމުގައި ކޮންމެ ބިދޭސީއަކު ވެސް ބައިވެރިވާން މަޖުބޫރުވިއަސް، އިމިގްރޭޝަނުން ބުނީ މިހާރު ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އަލަށް ތައާރަފު ކުރާ ސުކީމްގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަސް ނިމެންދެން އޮންނާނެ ކަމަށެވެ.
ޑެޕިއުޓީ ކޮންޓްރޯލާ އަބްދުﷲ އަލްގީން ވިދާޅުވީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިން އިންޝުއާކޮށްފައި ތިބި ފަރާތްތަކުން ނަގާފައިވާ އިންޝޫރެންސް ޕޮލިސީ އަށް އެ ޑިޕާޓަމްނަޓުން ކަމޭ ހިތާނެ ކަމަށެވެ. ނަމަވެސް އެ ޕޮލިސީތަކުގެ މުއްދަތު ހަމަވުމުން އެލައިޑް އިންޝޫރެންސާ ގުޅިގެން ތައާރަފްކޮށްފައިވާ ޕޮލިސީ ނަގަން ޖެހޭނެ ކަމަށް އެ ޑިޕާޓަމަންޓުން ބުންޏެވެ.
"މިކަން ކުރާއިރު ވީހާ ވެސް ބޮޑަށް ވަޒީފާދޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް އެލައިޑްގެ ކައުންޓަރުތަކެއް އިމިގްރޭޝަނުގައި ވެސް ބެހެއްޓިފައި ހުންނާނެ،" އަންވަރު ވިދާޅުވި އެވެ.
މި ސުކީމް އެކުލާވާލާފައި ވަނީ ބިދޭސީން ގިނައިން ހަރަކާތްތެރިވާ ސިނާއަތްތައް ކަމަށްވާ އިމާރަތްކުުރުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށްގެން ކަަމަށް އަލްގީން ވިދާޅުވި އެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޮ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އާާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީޒް (މަޓީ) އާ އެކު އިންޝޫރެންސް ސުކީމްގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
ފައްސަތޭކަ ފަންސާސް ރުފިޔާ އިން އެއްލައްކަ ރުފިޔާއާ ހަމައަށް ކަވާކުރެވޭ
އަހަރަކު 550 ރުފިޔާ އަށް ނެގޭ އެ ޕޮލިސީގެ ދަށުން 100،000 ރުފިޔާއާ ހަަމައަށް 'ކަވާ' ކުރެވޭނެ ކަަމަށް އެލައިޑް އިންޝޫރެންސްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަމީލް ވިދާޅުވި އެވެ. މި ޕޮލިސީގެ ދަށުން ބޭސްފަރުވާއަށް ކުރާ ޚަރަދުތައް ދެނީ ހަމައެކަނި އެޑްމިޓްކޮށްގެން ދެވޭ ހިދުމަތްތަކަށް ކަމަށް އެލައިޑުން ބުންޏެވެ.
"އެއްލައްލަ ރުފިޔާ އާ ހަމައަށް ބޭސްފަރުވާ ކުރެވޭނެ. އަނެއްކާ ނިޔާވެއްޖެ ހާލަތެއްގައި އެމީހެއްގެ ގައުމަށް ހަށިގަނޑު ފޮނުވުމުގެ ނިޒާމު ވެސް ހަމަޖެހިގެންދާނެ،" އަމީލް ވިދާޅުވި އެވެ.
އަދި ހަށިގަނޑު ނުފޮނުވޭ ހާލަތެއް ދިމާވެއްޖެ ނަަމަ އެމީހެއްގެ އާއިލާ އަށް 2000 ޑޮލަރު ދޭނެ ކަަމަށް އަމީލް ވިދާޅުވި އެވެ.
"ބައެއް މީހުން ބޭނުމެއް ނުވޭ ހަށިގަނޑުގެންދާކަަން އެހާލަތުގައި މިދެނީ އާއިލާއަށް 2000 ޑޮލަރު،" އަމީލް ވިދާޅުވި އެވެ.
'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީލް ވިދާޅުވީ އަތޮޅުތެރޭގައި ހުންނަ ބިދޭސީއަކަށް ސިއްޚީފަރުވާ ބޭނުންވެގެން އެހެންރަށެއްގެ ހޮސްޕިޓަލަކަށް ނުވަތަ މާލެ އަށް ގެންނަން ކުރާ ޚަރަދުވެސް އެ ޕޮލިސީން ކަވާކުރާނެ ކަމަށެވެ.
ހަތްސަތޭކަ ފަންސާސް ރުފިޔާ އަށް އައުޓްޕޭޝަންޓް އިންޝޫރެންސާއި ޑިސްއެބިލިޓީ އިންޝޫރެންސް
ފައްސަތޭކަ ފަަންސާސް ރުފިޔާ އަށް ލިބޭ ޕެންޝަން ސުކީމަށް 200 ރުފިޔާ އިތުރުކޮށް ޖުމްލަ 750 ރުފިޔާ ދެއްކުމުން ހޮސްޕިޓަލުގައި އެޑްމިޓްނުކޮށް ލިބޭ ހިދުމަތްތަކަށް ވެސް ފައިސާ އިތުރަށް ދައްކަން ނުޖެހޭނެ ކަަމަށް އަމީލް ވިދާޅުވި އެވެ. އަދި ވަޒީފާ އަދާކުރުމުގެ ތެރޭގައި އެއްކޮށް ނުކުޅެދުންތެރިއަކަށް ވެއްޖެ ނަމަ 50000 ރުފިޔާ ލިބޭނެ ކަމަށް ވެސް އަމީލް ވިދާޅުވި އެވެ.
"ހަތް ސަތޭކަ ފަންސާސް ރުފިޔާ ދެއްކީމާ އައުޓް ޕޭޝަންޓާއި (އެޑްމިޓްނުކޮށްދޭ ފަރުވާ) އާއި އިންޕޭޝަންޓް ( އެޑްމިޓްކޮށްގެން ދޭ ފަރުވާ) އަދި ނުކުޅުންތެރިކަން ދިމާވުމުން ލިބޭ ފައިސާ އާއި ހަށިގަނޑު ގައުމަށް ފޮނުވާލުމާއި ހުރިހާ ކަމެއް ހިމެނޭނެ،" އަމީލް ވިދާޅުވި އެވެ.
ޖުލައި އެއްވަނަ ދުވަހުން ފެށިގެން އޮންލައިން ޕްލެޓްފޯމެއްގާ އެ ޕޮލިސީ ނެގުމުގެ ކަންތައް ކުރެވޭނެ ކަަމަށް އަމީލް ވިދާޅުވި އެވެ.
އެފަދަ ސުކީމެއް ތައާރަފްކުރަން ނިންމީ ބޭރު ގައުމުތަކުގެ އެމްބަސީތަކުން އެކަމުގެ ޝަކުވާ އަންނާތީ ކަަމަށް އިމިގްރޭޝަނުން ބުނެ އެވެ.