04 Jun 2015, 17:30
ގާހިރާ (ޖޫން 4) : ރައްޔިތުންގެ އުތުރި އެރުމެއްގައި ވެރިކަން ގެއްލުނު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ މައްޗަށް ކުރެވިފައިވާ އެތަށް ސަތޭކަ ބަޔަކު މެރުމުގެ ދައުވާ އަލުން އޭނާގެ މައްޗަށް ކުރުމަށް މިސްރުގެ އިސްތިއުނާފް ކޯޓުން ނިންމައިފިއެވެ.
މުބާރަކްގެ ދިގުލީ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ކުރީކޮޅު ރައްޔިތުން އުތިރިއަރައި އޭނާ ވެރިކަމުން އިސްތިއުފާ ދިނުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުން މަރަން އަމުރު ކުރުމުގެ ތުމަތުގައި މުބާރަކާއި އޭރުގެ ދާޚިލީ ވަޒީރު ހަބީބް އަލްއާދިލީ އާ އަދި ސިފައިންގެ ބައެއް އޮފްސަރުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ހުކުމް އައިސްފައި ވަނީ މުބާރަކް ވެސް އަދި އެހެން ބޭފުޅުން ވެސް ކުށްވެރިނުވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުބާރަކް ކުށްވެރިނުވާ ކަމަށް ކުރި މި ހުކުމާމެދު މިސްރުގެ ގިނަ ބަޔަކު ދެކޮޅު ހަދާފައިވާއިރު މިސްރުގެ އިސްތިއުނާފް ކޯޓުން ވަނީ މި މައްސަލަ އަލުން ބެލުމަށް ގާހިރާގެ ޖިނާއީ ކޯޓަށް އަލުން އަމުރުކޮށްފަ އެވެ.
މި މައްސަލަ އެންމެ ކުރިން ބެލިއިރު ގާހިރާގެ ޖިނާއީ ކޯޓުން ހުކުމް ކުރީ މުބާރަކް ކުށްވެރިވާ ކަމަށާއި މިސްރުގެ ސިފައިން ބަޑިޖަހައިގެން މަރާލި 800 އަށްވުރެ ގިނަ މީހުންގެ މަރުގެ ޒިންމާ އޭނާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމުގަ އެވެ. އެ ފަހަރު މުބާރަކް 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ. އެހެންކަމުން މިއީ މި މައްސަލައިގެ ޝަރީއަތް މުބާރާތުގެ މައްޗަށް ހިންގާ ތިންވަނަ ފަހަރެވެ.
އަނެއްކޮޅުން މުބާރަކާއި އޭނާގެ ދެ ދަރިކަލުން ކަމަށްވާ އަލާ އާއި ޖަމާލް ގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ސާބިތުވެ ތިން އަހަރަށް ޖަލަށްލުމަށް މިދިޔަ މެއި މަހު ގާހިރާގެ ޖިނާއީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މީހުން މެރުމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތު ކުރުމާ ގުޅިގެން މިސްރުގެ ސަރުކާރުން މުބާރަކާއި އޭނާގެ ދެފިރިހެން ދަރިން ހައްޔަރުކުރީ 2011 ވަނަ އަހަރުއެވެ. އޭރު މިސްރުގައި ވެރިކަން ކުރަމުން ގެންދިޔައީ އަސްކަރީ މަޖިލީހަކުންނެވެ.
އުމުރުން 87 އަހަރުގެ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދަށްކަމުން ގިނަ ދުވަހު އޭނާ ހައްޔަރުކޮށްފައި ވަނީ އަސްކަރީ ހޮސްޕިޓަލެއްގައެވެ. މުބާރަކްގެ މައްޗަށް ވަނީ މިސްރުގެ ދައުލަތުގެ ޚަޒާނާއިން 20 ބިލިޔަން ޑޮލަރު އަމިއްލަފައިދާއަށް ބޭނުން ކުރެއްވިކަމުގެ ތުހުމަތު ކުރެވިފައެވެ. ނަމަވެސް މީގެތެރެއިން ސާބިތުވެފައި ވަނީ ވަރަށް ކުޑަމިންވަރެކެވެ. (ނޫސްއެޖެންސީތައް)