04 Jun 2015, 15:53
ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފައިވަނިކޮށް، އެ މައްސަލަ ބެއްލެވި ގާޒީ ބަދަލު ކުރިތާ ހަފްތާއެއް ނުވަނީސް އަރުހަމްގެ މަރުގެ ދައުވާ ލިބޭ މއ. ސީނަރީވިޔު އާތިފް ރަޝީދު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރު ކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް މިހާރު ޕީޖީގައި އެދިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ އާތިފު ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ކޯޓުން ދީފައެއްނުވެ އެވެ.
ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، އަރުހަމްގެ މަރުގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވީ ގާޒީ މުހުތާޒު ފަހުމީ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކުރިން ބެއްލެވި ގާޒީ ބަދަލުކޮށްފައި ވަނީ ގާޒީ ބަދަލުކޮށްދިނުމަށް އެދި އާތިފު ރަޝީދުގެ އާއިލާގެ މީހަކު ކޯޓުގައި އެދުމުންނެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އާތިފުގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.
އެ މައްސަލައިގެ ދައުވާ ލިބޭ ހުރިހާ ފަރާތްތައް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލު ވިދާޅުވެފައި ވަނީ އެ މީހުން ފުލުހުންގެ ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ވީ ފުލުހުންގެ ބަންދު ނޫން އެހެން ބަންދަކަށް އެމީހުން ބަދަލުކުރުމަށް ދައުލަތުން ބޭނުންނުވާ ކަމަށެވެ. މިއަދު އާތިފް ރަޝީދު ދޫކޮށްލާފައި މި ވަނީ ދައުލަތުން އެހެން އެދިފައި ވަނިކޮށެވެ.