ރާއްޖޭގެ އިގްތިސޯދު އަދި ވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރަން ޖެހިފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން އައިއެމްއެފުގެ ރަސްމީ ވެބްސައިޓުގައި އިއްޔެ އާންމު ކުރި ރިޕޯޓުގައި ބުނަނީ ރާއްޖޭގެ މާލީ ސިޔާސަތު ހަރުދަނާކޮށް އާމްދަނީ އާއި ރިޒާވް އިތުރުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށާއި އާމްދަނީ ލިބޭނެ އައު ގޮތްތަކެއް ރާވަންޖެހިފައިވާ ކަން ވެސް އައިއެމްއެފް އިން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އައިއެމްއެފް އިން ވަނީ ޓޫރިޒަމްގެ ފައިދާ އިން ނެގޭ ޓެކްސް ޓީ-ޖީއެސްޓީ ނަގަން ފެށުމުން އެކަމަށް މަރުހަބާކިޔައިފަ އެވެ. އަދި އަންނަ ޖުލައި މަހުން ފެށިގެން ވިޔަފާރީގެ ފައިދާ އިން ޓެކްސް ނަގަން ފެށުމުން އާމްދަނީ އިތުރުވެގެން ދާނެ ކަން ފާހަގަކޮށް އެކަމަށް ވެސް އައިއެމްއެފް އިން މަރުހަބާކީ ނަމަވެސް ލާމަރުކަޒީ ބިލް ތައާރަފުވެ، ކައުންސިލަރުންނަށް މުސާރަ ދޭން ޖެހުމުން ދައުލަތުގެ ހަރަދުތައް ބޮޑުވެގެން ދާނެތީ އައިއެމްއެފްއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައިއެމްއެފްގެ ހުލާސާ ބަޔާނުގައި ސިވިލް ސާވިސް މުވައްޒިފުން މަދުކުރުމުގައި ސަރުކާރަށް އެދެވޭ ކުރިއެރުމެއް ހޯދިފައި ނުވާތީ އައިއެމްއެފް އިން ވަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މީގެ ދެ ތިން އަހަރެއްހާ ދުވަސް ކުރިން ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް އަދިވެސް ލުޔެއް ލިބިފައި ނުވާތީ އައިއެމްއެފް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑޮލަރުގެ ތާށިކަމުގެ ސަބަބުން އިގުތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކުރިއެރުމަށް ހުރަސްއެޅޭކަން ފާހަގަ ކުރަމުން އައިއެމްއެފް އިން ވަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް އަދި އެކަން ކުރިއަށް ގެންދިއުމަށް ބުނެފަ އެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ހީނުކުރާ ވަރުގެ ގެއްލުތަކެއްވާ ކަން ފާހަގަ ކުރަމުން އައިއެމްއެފް އިން ވަނީ ސިޔާސީ ފަރާތްތަކާއި އެންމެހާ ޒިންމާދާރު މުއައްސަސާތަކުން ގުޅިގެން ސުލްހަވެރިކަމާ އެކު ހިޔާލުތަފާތުވުންތައް ހައްލުކޮށް އިގުތިސޯދު ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.
އައިއެމްއެފް އިން ވެސް ވަނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި އިގުތިސޯދާ ގުޅުން ހުރި ގާނޫނުތައް ބައްޓަންކޮށް މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހިފައިވާ ކަން ފާހަގަކޮށްފަ އެވެ.

ދުނިޔޭގެ ގައުމުތައް ބައިވެރިވެގެން އުފައްދާފައިވާ ބައިނަލްއަގުވާމީ އިގުތިސޯދީ ޖަމްއިއްޔާ އައިއެމްއެފްއިން ވަނީ 2009 ވަނަ އަހަރުން ފެށިގެން އެ ފަންޑުގެ އިގުތިސޯދީ ހާއްސަ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިކޮށްފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް އައިއެމްއެފް އިން އެހީތެރިކަން ފޯރުކޮށްދިނެވެ. ނަމަވެސް އައިއެމްއެފް އިން ކަނޑައަޅާފައިވާ ޝަރުތުތައް ސަރުކާރުން ފުރިހަމަ ކޮށްފައިނުވާތީ އެ ޕުރޮގްރާމުން ރާއްޖެ އަށް ދެމުން އައި އެހީ ވަނީ މިދިޔަ އަހަރު މަޑުޖައްސައިލައިފަ އެވެ.