04 Jun 2015, 16:49
ހުޅުމާލޭ ހިއްކި ސަރައްހައްދުން ނަގާފައިވާ މުރަކަތައް ވިލިމާލޭ ފަޅުގައްޔާއި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އިންދުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތް މާދަމާ ވިލިމާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.
"ސޭވް ދަ ބީޗް މޯލްޑިވްސް" އިން އިންތިޒާމު ކުރާ "ވަން ނޭޝަން ކޮރަލް ރިވައިވަލް" ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް ފަށާނީ މާދަމާ ހެނދުނުން ފެށިގެން ރޭގަނޑު 11:00 އަށެވެ. މާދަމާ ފާހަގަ ކުރާ ތިމާވެށީގެ ދުވަހާއެކު ހޮނިހިރު ދުވަހު ވެސް އެ ހަރަކާތް ކުރިއަށްދާނެ އެވެ.
ސޭވް ދަ ބީޗް މޯލްޑިވްސްގެ މެނޭޖަރު ހަސަން އަހުމަދު ވިދާޅުވީ، "އޭރިއާވައިސްކޮށް" ބަލާނަމަ 100 ނުވަތަ 200 މީޓަރުގެ ސަރަހައްދެއްގައި މުރަކަ އިންދާނެ ކަމަށާއި ފްރޭމެއްގައި މުރަކަ އިންދާނީ ކަނޑުއަޑީގެ ބަގީޗާއެއް ގޮތަށް ކަމަށެވެ.
އެ ޖަމިއްޔާއިން ކުރި ދިރާސާތަކުން އެނގޭ ގޮތުގައި މުރަކަ އާއި ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތު ވަރަށް މަދު ކަމަށާއި، އެހެންކަމުން މުރަކަ އަދި ރާއްޖޭގެ ތިމާވެށްޓާ ގުޅޭ ތަފާތު މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މި ހަރަކާތް ކުރިޔަށްދާއިރު އޮންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މެރިން ބައޮލޮޖިސްޓުން، ރިސޯޓްތަކުގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދީ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި މުރަކަ އިންދުމުގެ ހަރަކާތް ކުރިޔަށްދާއިރު ސްނޯކްލިން ފަދަ އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އެޕްރީލް ތިނަކުން ފަހަކަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަހަރު ބޭއްވި "މެރިން ޑައިވް ފެއާ"ގައި އެމްއެމްޕީއާރުސީން ވަނީ މުރަކަ އިންދުމަށް މާދަމާ ބާއްވާ ހަރަކާތް ޕްރޮމޯޓްކޮށްފަ އެވެ.