ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ މާލޭގައި މާދަމާ އާއި އޭގެ އަނެއް ދުވަހު ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލޭގައި ގަސް އިންދުމުގެ ޕްރޮގްރާމް އެއް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާދަމާ ހެނދުނު ހުޅުމާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަސް އިންދުމުގެ ޕްރޮގްރާމް ބާއްވާނީ ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތާރިގު ވިދާޅުވީ މެނދުރު ފަހުން އާންމު ރައްޔިތުންނަށް ވެސް އެ ސަރަހައްދުގައި ގަސް އިންދޭނެ ކަމަށެވެ. މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްދާ އެ ޕްރޮގްރާމްގައި އެ ފަރާތުން ރައްޔިޔުންނަށް ގަސް ފޯރު ކޮށްދޭނެ އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން މާދަމާ އާއި އޭގެ އަނެއް ދުވަހު ވިލިމާލޭގައި މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވި އެވެ. "ވަން ނޭޝަން ކޮރަލް ރިވައިވަލް"ގެ ނަމުގައި ދެ ދުވަހަށް ކުރިއަށް ދާ އެ ޕްރޮގްރާމްގައި މާލޭގެ ފަރުތަކުގައި މުރަކަ އާލާ ކުރުމަށް ހުރިހާ އެންމެންނަށް ވެސް ބައިވެރި ވެވޭނެ ކަމަށް ތާރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދެ ދުވަހު ވިލިމާލޭ ހުޅަނގު އުތުރު ސަރަހައްދުގައި ގިނަ ޖަމިއްޔާތަކެއް ގުޅިގެން އެވެއާނެސް ޕްރޮގްރާމްތަކެއް ބާއްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ތާރިގު ވިދާޅުވީ ތިމާވެށީގެ ދުވަހާ ގުޅިގެން ބ. އަތޮޅު ގޮއެދޫ ކޯރު ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބ. އަތޮޅު މާޅޮހުގައި ހުރި ކުނި މެނޭޖު ކުރުމުގެ ސެންޓަރު ހުޅުވުމާއި ގދ. ތިނަދޫގެ ހަތަރު ސަރަހައްދެއްގައި ވެސް ގަސް އިންދުމުގެ ޕްރޮގްރާމެއް ބާއްވާނެ ކަމަށް މިނިސްތަރު ވިދާޅުވި އެވެ.

މިއަހަރު ތިމާވެށި ދުވަހުގެ ޝިއާރަކީ:

"ސެވެން ބިލިއަން ޑްރީމްސް. ވަން ޕްލެނެޓް. ކޮންސިއުމް ވިތު ކެއާ"