04 Jun 2015, 14:33
މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ނަސްރު" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުމުގެ ސަބަބުން އިންޖީނު ހުއްޓި ދޯނީގައި ހުރި ބައެއް މުދާތައް ކަނޑަށް ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ދޯންޏެއް ދިޔަވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ފުލުހުންގެ އިތުރުން ވެސް ސިފައިންނާއި ބ. ގޮއިދޫ ދޯންނަކުން ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.
ދިޔަވުމުގެ ސަބަބުން ދޯނީގެ އިންޖީނު ހުއްޓިފައިވާ އިރު އެދޯނީގައި ހުރި ބައެއް މުދާތައް ވަނީ ކަނޑަށް ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. އެ ދޯނި މިހާރު އޮތީ ގޮއިދު އާ ހަތް މޭލު ބޭރުގަ އެވެ. ދޯނީގައި ދެ ބިދޭސީއަކާއި ދިވެއްސަކު ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މޫސުންގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކޮންމެހެން މަޖުބޫރު ހާލަތެއްގައި މެނުވީ ދަތުރު ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.