04 Jun 2015, 14:01
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ސަރުކާރަށް ހުށަހަޅަން އެމްޑީޕީ އިން މަޝްވަރާ ކުރަން ފަށައިފި އެވެ.
ސަރުކާރާއެކު މަޝްވަރާކުރާނެ ކަންކަމާ ބެހޭ ގޮތުން އެމްޑީޕީން ތައްޔާރުކުރި ވަގުތީ ކަރުދާހެއްގައި ބުނެފައި ވަނީ އާ ގާނޫނުގެ ދަށުން ބޭއްވި ދެ އިންތިހާބު ވެސް ކާމިޔާބުވެފައި ވަނީ ސިޔާސީ ޕާޓީތަކުން އިއްތިހާދު ހަދައިގެން ކަމަށެވެ. އަދި އެގޮތަށް ހެދި އިއްތިހާދުތައް ރޫޅުމުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި އެ ތަޖުރިބާއަށް ބަލާ އިރު ރާއްޖެއަށް ރަނގަޅީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބަޔަކު އުފައްދާ ބަރުލަމާނީ ވެރިކަމެއް ކަމަށެވެ.
ކަރުދާހުގައި އަދި ބުނެފައި ވަނީ އެމްޑީޕީން އެދެނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަލުން ބާއްވަން ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕާޓީއަކުން ނުވަތަ ޕާޓީއަކުން ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.
"...މިފަދަ ނިޒާމަކަށް ހަރުދަނާކަންގެނައުމަށް ޓަކައި އެމްޑީޕީން މި ހުށަހަޅަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު އަލުން ބޭއްވުމަކަށް ނޫނެވެ. ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއަކުން ނުވަތަ ޕާޓީތަކަކުން ސަރުކާރު އުފެއްދުމަށެވެ،" އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ވަގުތީ ކަރުދާހުގައިވެ އެވެ.
އެނިޒާމަށް ބަދަލުވުމުގައި ގެންނަން ޖެހޭ އަނެއް ބޮޑު ބަދަލެއް ކަމަށް ކަރުދާހުގައި ފާހަގަކޮށްފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވާ މެމްބަރުން އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް ހަމަޖެއްސުމެވެ.
މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ޕާޓީ ބަދަލުކުރައްވައިގެން ތިއްބެވި މެމްބަރުންގެ ބަދަލާ މެދު އެ ދާއިރާތަކުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އިތުރުން ވެސް ސަރުކާރަށް ހުށަހަޅާނެ ގިނަ ކަންތައްތަކެއް ކަރުދާހުގައި ހިމަނާފައިވެ އެވެ. އެގޮތުން ރައީސް ނަޝީދާއި ކާނަލް ނާޒިމު ހިމެނޭ ގޮތުން ސިޔާސީ ބޭފުޅުންގެ ހުކުމް ތަންފީޒު ކުރުން ލުއިކޮށް، ގެއަށް ބަދަލުކުރުން ހިމެނެ އެވެ. އަދި މޭމަހުގެ ފުރަތަމަ ދުވަހު ކުރި މުޒާހަރާއާ ގުޅިގެން ދައުވާ ލިބޭ ފަރާތްތަކުގެ ދައުވާ އަނބުރާ ގެންދިއުން ވެސް ސަރުކާރަށް ހުށަހަޅާނެ ކަންތައްތަކުގެ ތެރޭގައި ލިސްޓްކޮށްފައިވެ އެވެ.
އެމްޑީޕީގެ މީޑިއާ ކޮމެޓީގެ މެމްބަރު އާމިނަތު ޝައުނާ ވިދާޅުވީ އެކަރުދާސް ފުރަތަމަ ހުށަހަޅާނީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއަށް ކަމަށެވެ. އަދި އެކޮމިޓީގެ ރުހުން ލިބިއްޖެ ނަމަ ޖުމްހޫރީޕާޓީ އާއި އަދާލަތު ޕާޓީއާއި އެކު ކަރުދާހާއި މެދު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.