04 Jun 2015, 17:45
ޗައިނާ އިން ޗައިނާގެ ދެކުނު ކަނޑުގައި ހިއްކާ ރަށްތައް ހިއްކުން ހުއްޓާލުމަށް ގޮވާލައި ފިލިޕީންސުގެ 100 ވަރަކަށް މީހުން މިއަދު މުޒާހަރާކޮށްފި އެވެ.
އެ މީހުން އަޑުއުފުލަމުން ދިޔައީ އެ ރަށްތައް ހިއްކުން ޗައިނާ އިން ނުހުއްޓާ ނަމަ، ޗައިނާގެ އެކޮނަމިކް އިންޓަރެސްޓްތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިދާނެ ކަމަށް ބުނެ އެވެ.
މެނީލާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް ކުރިމަތީގައި ރަތް ދިދަ ހިފައިގެން މިއަދު އަޑުއުފުލި ވާތުވިޔައިގެ މީހުން ގޮވަމުން ދިޔައީ ޗައިނާގެ ދެކުނު ކަނޑަކީ ޗައިނާގެ މިލްކެއް ނޫން ކަމަށެވެ. އެ މީހުން ބުނީ ޗައިނާގެ ބާރުގަދަ މިލިޓަރީގެ މައްޗަށް ކުރި ނުހޯދުނު ނަމަވެސް ދެކޮޅަށް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށާއި އެގޮތުން ރެލީތައް ބޭއްވުމުގެ އިތުރަށް ޗައިނާގެ ބައެއް އުފެއްދުންތައް ބޮއިކަޓް ކުރެވިދާނެ ކަމަށެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ޗައިނާ އިން އަތްދަށުލި، މިސްޗީފް ރީފް ފަރާއި އަދި 2012 ވަނަ އަތްދަށުލި ސްކާބޯރޯ ސޯލްގެ މައްސަލަ ހަޅުތާލު ކުރި މީހުން ވަނީ ކުށްވެރިކޮށްފަ އެވެ.

ޗައިނާ އިން ހިއްކާ ރަށްތައް-
ފިލިޕީންސްގެ މަސްވެރިން ބުނީ، ވަރަށް މަސްތިޔާގި، ސްކާބޯރޯ ސަރަހައްދުގައި އެ މީހުން މަސްވެރިކަން ކުރަނިކޮށް މި އަހަރުގެ ކުރީކޮޅު ޗައިނާ މީހުން ފެންހޮޅިން ފެންޖައި އެ މީހުން ފައްސާލި ކަމަށެވެ.
މުޒާހަރާ ކުރި މީހުން ބުނީ ޗައިނާ ސަރުކާރަށް ނޯޓިސްދޭ ކަމަށާއި ހުރިހާދިމާލަކުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުން ބޮޑު ސަރަހައްދަކީ ޗައިނާގެ ތަންތަން ކަމަށް ޗައިނާ އިން ދައުވާ ކުރެ އެވެ. ނަމަވެސް އެތަންތަނަކީ ބުރޫނާއީ، މެލޭޝިޔާ، ފިލިޕީންސް، ތައިވާން އަދި ވިއެޓްނާމުން ވެސް އެ މީހުންގެ ތަންތަން ކަމަށް ދައުވާ ކުރާ ތަންތަނެވެ.
ޗައިނާ އިން ބުނަނީ ޒަމާނުއްސުރެ އެ ފަރުތަކަކީ ޗައިނާގެ ތަންތަން ކަމަށެވެ. އަދި ޗައިނާ އަށް އެތަންތަން ހިއްކައި ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށެވެ.
އެމެރިކާ އިން ބުނަނީ އެތަންތަން ހިއްކުން ވަގުތުން ހުއްޓާލުމަށް ޗައިނާ އަށް ގޮވާލާ ކަމަށެވެ. އަދި އެތަންތަނުގެ މިލިޓަރީ ބޭނުން އެމެރިކާގެ ގާތް މީހުންނާ ދެކޮޅަށް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މައުލޫމާތު: އޭޕީ