ސަންޢާ : މިހާރު މިހިނގާ ރިޔާސީ ދައުރުގެ މުއްދަތު ހަމަނުވަނީސް މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އޭނާއަށް އޮތް ފުރްސަތު ވަރަށް ހަނިކަމަށް ސިޔާސީ މުޙައްލިލުން ވިދާޅުވެއްޖެއެވެ.

ސާލިޙްގެ ވެރިކަން ވައްޓާލުމަށް ޓަކައި ރައްޔިތުންނާއި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މުޒާހަރާތައް ވަރުގަދަ މުޅިޤައުމުގައި ޢާންމުވެފައިވާއިރު ސަލާމަތްވުމަށް ސާލިޙަށް އޮތް ހަމައެކަނި ދޮރަކީ އިދިކޮޅު ފާރާތްތައް ބައިވެރިކޮށްގެން އާ ސަރުކާރެއް އެކުލަވާލުން ކަމަށްވާތީ މިކަން އޭނާވަނީ އިދިކޮޅުފަރާތްތަކަށް ހުށަހަޅުއްވާފައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން މިއަދު ބުނީ ސާލިޙް އެކުލަވާލައްވާ ސަރުކާރެއްގައި ބައިވެރި ނުވާނެ ކަމަށާއި ސާލިޙްގެ ވެރިކަން ވައްޓާލުމަށްޓަކައި ކުރެވޭ މުޒާހަރާތަކުގައާއި އިޙްތިޖާޖްތަކުގައި ރައްޔިތުންނާއެކު ބައިވެރިވާނެ ކަމުގައެވެ.

ސާލިޙް މިހާރުގެންދަވަނީ ވެރިކަމުގައި ދެމިހުންނެވޭނެ މަގެއް ހޯއްދެވުމަށްޓަކައި ޔަމަނުގެ ދީނީ ޢިލްމުވެރިންނާވެސް ބައްދަލުކުރައްވަމުންނެވެ. ދީނީ ޢިލްމުވެރިންނާ މުޚާތަބު ކުރައްވައި ސާލިޙް ވިދާޅުވީ ރިޔާސީ ދައުރު ނިމިގެން ބާއްވާ އިންތިޚާބަކުން ނޫންގޮތަކަށް ވެރިކަން ބަދަލުކުރުމަކީ މުޅިޤައުމުގައި ހަމަނުޖެހުން އުފެދި ހަލާކުގެ ތެރެއަށް ޤައުމު ވެއްޓިގެންދާނެ ކަމެއް ކަމަށާއި އެގޮތަށް ކަންތައް ވުމުގެ ފުރްސަތު ދެވިގެން ނުވާނެ ކަމުގައެވެ.

ޔަމަންގެ މަސްރަޙް ދިރާސާ ކުރައްވާ މުޙައްލިލެއް ކަމަށްވާ ފާރިސް އައްސައްޤާފް ވިދާޅުވީ ޔަމަންގެ ސިޔާސީ މަސްރަޙުގެ ކޮންޓްރޯލް އެއްވެސް ފަރާތަކަށް ނެތްކަމަށާއި ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވަނީ ރައީސް ސާލިޙުގެ އިތުރުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކާއި ސާލިޙްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންގެ ގްރޫޕްތައް ކަމުގައެވެ.

ސާލިޙްގެ ހުށަހެޅުއްވުން އިދިކޮޅު ފާރާތްތައް ޤަބޫލު ނުކުުރުމުން އޭނާގެ މަގު ބެދިފައިވާ ކަމަށާއި ސަލާމަތްވެ ވަޑައިގަތުމުގެ ފުރްސަތު ސާލިޙަށް މިހާރު ނެތްކަމަށް އައްސައްޤާފް ވިދާޅުވިއެވެ.

އެހެން ސިޔާސީ މުޙައްލިލެއް ކަމަށްވާ ޢަބްދުލްފައްތާޙް ބަތޫލް ވިދާޅުވީ ޔަމަންގެ ސިޔާސީ މަސްރަޙް ދައްކާގޮތުން ސާލިޙްގެ ވެރިކަން ވެއްޓޭނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށާއި ރިޔާސީ ދައުރު ފުރިހަމަކުރައްވަން ސާލިޙަށް ނުހުންނެވޭނެ ކަން ޔަގީންވެފައިވާ ކަމުގައެވެ. ދެން އޮތީ ޤައުމަށް އެންމެ ލޮޚުސާން ކުޑަގޮތަކަށް މިކަން ކުރުމަށް ސާލިޙް އެއްބާރުލުން ދެއްވުން ކަމަށް ބަތޫލް ވިދާޅުވިއެވެ. -- އަލްޖަޒީރާ