04 Jun 2015, 13:01
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މި މަހު 21 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ނާޒިމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ހައި ކޯޓުގައި ތާވަލު ކޮށްފަ އެވެ. އާންމުކޮށް ހައކޯޓުގައި މައްސަލަތަށް ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންވިޔަށް ނާޒިމްގެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު މައުލޫމާތު ދެފަރާތަށް ވެސް އަރުވާފަ އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.