ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ޗުއްޓީއަށް ސްކޫލުތައް ބަންދުކޮށްފި އެވެ.

ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް މިއަދު ނަތީޖާ ދީފައިވާއިރު ފުރަތަމަ ޓާމުގެ ޗުއްޓީއަށް މިއަދު ހަފްތާއަކަށް ވަނީ ސްކޫލުތައް ބަންދުކޮށްފަ އެވެ. ހަފްތާއެއްގެ ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ މިމަހުގެ 14 ވާ އާދިއްތަ ދުވަހު އެވެ.

އާ މަންހަޖަކަށް ކިޔަވައިދޭން ފަށާ ފުރަތަމަ ޓާމުގެ ކިޔަވައިދިނުން ނިންމުމަށްފަހު ޓާމުގެ ޓެސްޓު ނަގާފައިވަނީ މިދިޔަ މަހުގެ 17 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޫލުގެ ދަރިވަރުންތަކެއް ނަތީޖާ ހިފައިގެން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުރަތަމަ ޓާމުގެ ކިޔަވައިދިނުން ނިމިފައިވާއިރު މި ޓާމުގައި ޓީޗަރުންގެ ދެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމް ވަނީ ބާއްވާފަ އެވެ.

އާ މަންހަޖާއެކު، ތައުލީމީ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެނެސް ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި މިއަހަރު ފަށާފައި ވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

މި އަހަރު އަލަށް އަމަލުކުރަން ފެށި މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ބަދަލު ގެނެސް ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.