04 Jun 2015, 13:26
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިން ރާއްޖޭގެ ސަގާފަތާއި ވަޒީފާއާ ގުޅުން ހުރި ކަންކަމުގެ މައުލޫމާތު ދިނުމުގެ ގޮތުން އޮރިއެންޓޭޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގައި މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ކޮންޓްރޯލާ އަބްދުﷲ އަލްގީން ވިދާޅުވީ އެގޮތަށް އޮރިއެންޓޭޝަން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އޮރިއެންޓޭޝަން ދޭ ގޮތަށް ހަމަޖައްސާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކައުންސެލް އޮފީސް، ސްރީލަންކާގެ ހުންނަ އެމްބަސީ އަދި ބަންގްލަދޭޝްގައި ހުންނަ އެމްބަސީން ކަމަށް އަލްގީން ވިދާޅުވި އެވެ.
"އެމްޕްލޯއިމެންޓް އެޕްރޫވަލް އެޓެސްޓް ކުރުމާއި ޕްރީ އެރައިވަލް މެޑިކަލް އެޓެސްޓް ކުރުމާއި އަދި ރާއްޖެ އާއި ބެހޭ މައުލޫމާތު ދިނުން ހިމެނޭ. އެގޮތުން ރާއްޖޭގެ ސަގާފަތާއި ދީނީ ކަންކަމާއި ބެހޭ މައުލޫމާތު ދޭނެ،" އަލްގީން ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ އައިސް ދިމާވާ ކަންކަމުގާ އެހީތެރިވެދޭނެ އޮތޯރިޓީތަކުގެ ނަމްބަރުތައް ވެސް ދޭނެ ކަަމަށް އަލްގީން ވިދާޅުވި އެވެ.
އެގޮތަށް އަމަލުކުރަން ފެށުމުން ގަވައިދާ ޚިލާފަށް ރާއްޖެ އަށް އެތެރެވާ ބިދޭސީން މަދުވެގެންދާނެ ކަަމަށް ވެސް އަލްގީން ވިދާޅުވިއެވެ.
އެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާ ގޮތަށް ނިންމީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އެމްބަސީތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.