ޓްރިޕޮލީ : ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން ވެރިކަންވެއްޓުމުގެ ބިރާކުރިމަތިލާންޖެހިފައިވާ ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ވެރިކަމުގެ ދާއިރާ ހަނިވެ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބާރުތައް އޭނާގެ ކިއްލާ އާ ގާތްވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ގައްޒާފީގެ ކިބައިން މިނިވަންވެފައިވާ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ނޫސްވެރިންނާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ގައްޒާފީއާއިދިކޮޅު ރައްޔިތުންގެ ބާރުތަކުން މިހާރުވަނީ ލީބިޔާގެ ތެޔޮވަޅުތަކާއި ތެލުގެ އިންޑަސްޓްރީގެ މަރުކަޒުތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މަރުކަޒުތައް އެމީހުންގެ ބާރުގެ ދަށަށްގެނަސްފައެވެ.

ޔޫރަޕްގެ އިއްތިހާދުންވެސް މިއަދު ވަނީ ލީބިޔާގެ ތެލުގެ މަރުކަޒުތަކުގެ ކޮންޓްރޯލް ގައްޒާފީއަށް ގެއްލިއްޖެކަން ހާމަކޮށްފައެވެ. ގައްޒާފީގެ ކުލީސިފައިންގެ ބާރުތަކުގެ އަތްދަށުގައިވަނީ ތެލުގެ މަރުކަޒުތަކުގެ ވަރަށް މަދުތަނެކެވެ.
ރައްޔިތުންގެ ބާރުތަކުގެ އަމާޒަކީ ޓްރިޕޮލީގެ އިރުންނާއި ހުޅަނގުންއައިސް، ގައްޒާފީ ފިއްލަވައިގެން ހުންނަވާ ބާބުލްޢަޒީޒިއްޔާ ކޭމްޕް (ކިއްލާ) ހިސާރު ކުރުމަށްފަހު އޭނާ އަމާން ނުދެއްވައިފިނަމަ އެތަނަށް އަރައިގަނެ ގައްޒާފީގެ ވެރިކަން ގަދަބާރުން ވައްޓާލުމަށެވެ.

ލީބިޔާގެ ރައްޔިތުންގެ ބާރުތަކުގައި އިސްކޮށް ޙަރަކާތްތެރިވަނީ ގައްޒާފީގެ އަމުރަށް ނުކިޔަމަންތެރިވި ސިފައިންގެ ފަވްޖުތަކާއި އެފަވްޖުތަކުގެ ކޮމާންޑަރުންނާއި އިސް އޮފްސަރުންގެ އިތުރުން ހަތިޔާރުއެޅި އާންމު ރައްޔިތުންނެވެ. މި އޮފްސަރުން ބުނާގޮތުން ގައްޒާފީގެ ކިއްލާ ފުނޑުފުނޑުކޮށް އޭނާގެ ވެރިކަން ވައްޓާލުމުގެ ޤާބިލްކަން ރައްޔިތުންގެ ބާރުތަކަށް ލިބިގެން ވެއެވެ. މިކަމަށްޓަކައި ގައްޒާފީގެ ކިއްލާއަށް ވައިގެ މަގުން ބޮންއަޅަންޖެހިއްޖެނަމަ އެކަންކުރެވޭވަރަށް ޢަސްކަރީ ފައިޓަރ ޖެޓާއި ޢަސްކަރީ ޕައިލެޓުންނާއި ހަތިޔާރު އެބަހުރިކަމަށްވެސް މިބޭފުޅުން ވިދާޅުވިއެވެ.

އަނެއްކޮޅުން ޓްރިޕޮލީއާ ދިމާއަށް މިސްރާބު ޖަހާފައިވާ ރައްޔިތުންގެ ބާރުތަކުން ބުނިގޮތުގައި އެމީހުންވަނީ ޓްރިޕޮލީގެ އިރުމަތީގައިވާ މިސްރާތާއަށް ބޮންއަޅަން މަސައްކަތްކުރި ގައްޒާފީގެ ބާރުތަކުގެ ފައިޓަރ ޖެޓެއް އިއްޔެ ވައްޓާލާފައެވެ. ނަމަވެސް ގައްޒާފީގެ ބާރުތަކުން މިކަން ދޮގުކުރެއެވެ.
ޓްރިޕޮލީގެ ރައްޔިތުން އިއްޔެވެސްވަނީ ގައްޒާފީއާ ދެކޮޅަށް އަޑުއުފުލައި އޭނާގެ ނިޒާމް ވައްޓާލުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ. -- އަލްޖަޒީރާ