ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރުމަށް އިމިގްރޭޝަނުން ފެށި "ޝެއާޑް ރެސްޕޮންސިބިލިޓީ" ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ހުށަހަޅަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު މިއަދު ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން ދިއުމަކީ އެ ޕްރޮގްރާމް ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

"މި ޕްރޮގްރާމާ ގުޅުމަށް ކޮންމެ ދުވަހަކު އިތުރު ކުންފުނިތަކުން އެދެމުން ދިއުން ދައްކުވައި ދެނީ މި ޕްރޮގްރާމް ކުންފުނިތަކުން ބަލައިގެންނަ މިންވަރު،" އަންވަރު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ ޕްރޮގްރާމްގައި އަލަށް ބައިވެރިވާން ބޭނުންވެގެން ހުށަހަޅަމުން ގެންދާ ކުންފުނިތައް ސްކްރީން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ކުންފުނިތައް ސްކްރީން ކުރުމުގައި އެ ކުންފުނިތަކުގެ ބެކްރައުންޑް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުނިތަައް ސްކްރީން ކުރުމުގައި ޕާފޯމެންސް ބަލާނެ، ފައިސާ ނުދައްކައިގެން ބްލެކް ލިސްޓް ކުރެވިފައި މިންވަރަށް ބަލާނެ، ބިދޭސީންގެ ވިސާނުދައްކާ ފަރާތްތަކާއި ބިދޭސީންނަށް މުސާރަ ނުދީ ލަސްކުރާ ފަރާތްތައް ވެސް ބަލާނެ، އަދި އެއަށްފަހު މި ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލޭބާ މައިގްރޭޝަން ނިޒާމް ހަރުދަނާކޮށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރަމުންގެންދާ ބިދޭސީން ވަކި މުއްދަތަކަށް ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން އިމިގްރޭޝަނާ އެކު ސޮއިކޮށްފައިވާ ކުންފުނިތަކަށް އެ ވަގުތަކަށް ބޭނުންވާ އަދަދަކަށް ބިދޭސީން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ އަމީން ކޮންސްޓްރަކްޝަނާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ އިތުރުން ޗައިނާގެ ކުންފުންޏެކެވެ.

ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 94،000 އަރާފައިވާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 30،000 އަށް އަރާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.