04 Jun 2015, 12:16
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ކުރިއަށްދާ އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗްގައި ބުރުނާއީ ވެޓެރަންސް ޓީމްގެ މައްޗަށް 6-0ގެ ތަފާތު ބޮޑު ނަތީޖާ އަކުން އިންޑިއާގެ ޓީމް ކާމިޔާބު ހޯދައިފި އެވެ.
މިއަދު ހެނދުނު ކުޅުނު މެޗްގައި އިންޑިއާގެ އާރް ވިޖަޔަން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ.
މެޗްގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރީ ވިޖަޔަން އެވެ. އޭނާ މިލަނޑު ކަމިޔާބު ކުރީ މެޗްގެ އަށް ވަނަ މިނެޓްގަ އެވެ.
އެ ލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓް ފަހުން ޕާތިބަން ވަނީ އިންޑިއާގެ ދެ ވަނަ ލަނޑު ޖަހާފަ އެވެ.
އިންޑިއާ ޓީމްގެ ތިން ވަނަ ލަނޑު ވިޖަޔަން ކާމިޔަބު ކުރީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓްގަ އެވެ. އެގެ ތިން މިނެޓް ފަހުން ފުރަތަމަ ހާފުގެ 29 ވަނަ މިނެޓްގައި އިންޑިއާ ވިޖަޔަން ވަނީ އިންޑިއާގެ ހަތަރު ވަނަ ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.
ކޮންމެ ހާފެއްގައި ވެސް 30 މިނެޓް ކުޅޭ މިމުބާރާތުގައި އިންޑިއާގެ ފަސް ވަނަ ލަނޑު ޝުރޭޝް ކުމާރު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ 12 ވަނަ މިނެޓްގަ އެވެ.
މެޗްގެ ދެ ވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި އިންޑިއާގެ ސަމްޕަތު ރޯޝަން ވަނީ އިޑިއާގެ ހަ ވަނަ ލަނޑު ޖަހާފަ އެވެ.
މެޗްގެ ބޮޑު ބައެއް ބޯ ވިއްސާރައިގައި ކުލެން ޖެހުނު އިރު ވާރޭގެ ސަބަބުން ރަނގަޅަށް ބޯޅަ ފޮނުވާލުމުގައި ދެ ޓީމްގެ ކުޅުންތެރިންނަށް ވަނީ އުނދަގުތަކާ ކުރިމަތިވެފަ އެވެ.
މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ އިންޑިއާއާ މެލޭޝިއާ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މިމެޗް ފެށޭނީ މިއަދު ހަވީރު 4:30 ގަ އެވެ.
މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ރާއްޖޭގެ ޓީމާ އިންޑޮނޭޝިއާ އެވެ.