04 Jun 2015, 11:29
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންގެ ނަމުގައި ވިޔަފާރިކުރާ ތަންތަނަށް ވަދެ މައުލޫމާތު ހޯދަން މަސައްކަތްކުރަމުންދާ ކަމަށް އެއޮތޯރިޓީއިން ބުނެފިއެވެ.
މީރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަސްމީ ހެދުމުގައި ތިބޭ ބަޔަކު މީރާގެ މުއައްޒިފުން ކަމަށް ބުނެ ވިޔަފާރިކުރާ ތަންތަނަށް ގޮސް އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ މައުލޫމާތު ހޯދުމަށް މަސައްކަތްކުރާކަމަށެވެ.
"ބައެއް ބިޒުނަސްތަކަށް ގޮސް، މިއީ މީރާ ސުޓާފެކޭ މިވެނި ކަހަލަ ޑޮކިއުމެންޓްސްތައް ބޭނުންވޭ ބުނެގެން ޓެކްސް ޕޭޔަރުން އަޅުގަނޑުމެންނަށް ގުޅާފައި އެބަހުރި." މީރާގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީރާއިން ވަނީ އެފަދަ ފަރާތްތަކަށް ސަމާލުވުމަށް އަންގާފައެވެ. އެއޮތޯރިޓީގެ މުވައްޒަފުން ވިޔަފާރިތަކަށް މައުލޫމާތު ހޯދަން ދާއިރު މީރާގެ މުވައްޒަފެއްކަން އަންގައިދޭ ފާހެއް ގެންދާނެ ކަމަށެވެ. އެފާހަށް ބެލުމަށްފަހު މީރާގެ މުވައްޒަފެއްކަން ޔަގީންކުރެއްވުމަށްފަހު ނޫނީ މައުލޫމާތެއް އެއްވެސް ފަރާތަށް ނުދެއްވުމަށް މީރާއިން އިލްތިމާސް ކުރެއެވެ.
"މީރާގެ މުވައްޒަފެއް ކަމުގައި ބުނެ ޓެކްސް ދައްކާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް މަސައްކަތްކުރާ ފަރާތެއްގެ މައުލޫމާތު އެނގިވަޑައިގަންނަވާނަމަ، ވީހާ ވެސް އަވަހަށް އެ ކަން މީރާއަށް އެންގެވުން އެދެން." މީރާއިން ބުންޏެވެ.
ވިޔަފާރި ކުރާ ތަންތަން ހިންގަމުން ދަނީ އުސޫލް ތަކާއި އެއްގޮތައްތޯ ބެލުމަށް ދޭތެރެ ދޭތެރެއިން ފިހާރަތަކަށް ޒިޔާރަތް ކުރުމަކީ މީރާގެ ޕޮލިސީގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ.