04 Jun 2015, 11:29
ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ދާއިމީ ހައްލު ހޯދުމަށް ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ސަރުކާރަށް ގޮވާލައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އެ އިސްލާހަށް އެއްގޮތަކަށްވެސް ތާއީދު ކުރެވެން ނެތް ކަމަށެވެ.
އިބޫ ވިދާޅުވީ ވެރިކަމުގެ ބާރުތައް ވަކި ކުރެވިފައިވާ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
"މި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގެ އެ ކޮންސެޕްޓު އެއްކޮށް އުވިގެން އެ ދަނީ. މި ގާނޫނު އަސާސީގެ އެންމެ މުހިންމު އެއް ކޮންސެޕްޓަކީ ތަފާތު އެކި ވިސްނުމުގެ ފިކުރުތައް ވެރިކަން ހިންގުމުގެ އެކި ދާއިރާތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ދިނުން. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވޭ ބޭފުޅަކަށް އަޣުލަބިއްޔަތު ނެތް ވަގުތެއް މަޖިލީހުގައި ހިނގައިދާނެ. ހަމައެގޮތަށް ރައީސުލްޖުމްހޫރިއްޔާއަކަށް ތާއީދު ނެތް ކައުންސިލްތަކެއް ހޮވިގެން ހިނގައިދާނެ. އެއަށް އެބަދޭ ގާނޫނު އަސާސީން. އޭގެ މާނައަކީ ރާއްޖެ ހުއްޓުމަކަށް އައިސްގެން ނުވާނޭ،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ އެންމެ މުހިންމު އެއް ކޮންސެޕްޓަކީ ތަފާތު އެކި ފިކުރުތަކުގެ މީހުންނާއެކު މަސައްކަތް ކޮށްގެން ގައުމު ތަރައްގީ ކުރުން ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެކަން އަނެއްކާވެސް އެ ކޮންސެޕްޓު އުވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"މައްސަލައަކީ އިޚްލާސްތެރިކަން ނެތުން. ސަރުކާރުގައިވެސް މި މަޖިލީހުގައި ވެސް ކައުންސިލުތަކުގައި ވެސް އިޚްލާސްތެރިކަން ނެތުން. ބާރުތައް އެއްތަނުން އަނެއް ތަނަށް އެއްކުރުމުގެ ސަބަބަކުން ނެތް މިކަމެއް ހައްލެއް ނުވާނެ. އަޅުގަނޑުމެން މިކަން ކުރަން ތިބި މީހުންގެ އެ އިޚްލާސްތެރިކަމެއް ނެތިއްޔާ އެކަމެއް ހައްލެއް ނުވާނެ. އަދިވެސް އެއްފަހަރު މި އިސްލާހަށް ތާއީދު ކުރެވެން ނެތް ވާހަކަ ދަންނަވާލަން. މިކަމުގެ ސަބަބުން ރައީސް ޔާމީންގެ ޚުދުމުހުތާރު ވެރިކަން އިތުރަށް ވެގެންދާނީ ވަރުގަދަ ވެގެން،" އިބޫ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ވަނީ މާލެ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މާލެ ސިޓީ ސަރަހައްދުގައި ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށް އެ އިސްލާހުގައި ވެއެވެ.