04 Jun 2015, 13:43
މުޅި ރާއްޖެ ކަވަރުވާ ގޮތަށް ޒަކާތު މެނޭޖުކުރާ ސޮފްޓްވެއާއެއް ތައްޔާރުކުރުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓުރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ ސޮފްޓުވޭ އުފެއްދުމުގެ މަގުސަދަކަީ މުޅި ރާއްޖެ ކަވަރުވާ ގޮތަށް ޒަކާތް ބަލައިގަތުމާއި، ބެހުމާއި ފަޤީރުންނާއި ބޭނުންޖެހިފައިވާ ފަރާތުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް ކަމަށެވެ.
"ޒަކާތަށް ލިބޭ މިންވަރާއި އަދި ބެހޭގޮތް ރިކޯޑުކޮށް ފަސޭހައިން ސްޓެޓިސްޓިކްސްތައް ނެގޭނެ ގޮތަށް ފުރިހަމަ ސޮފްޓްވެއާއެއް ފަރުމާ ކުރުމަށް ބޭނުންވަނީ. އެއީ ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށްގެން،" އިސްލާމިކް މިނިސްޓުރީން ބުންޏެވެ.
މިހާރު އާންމު ގޮތެއްގައި ޒަކާތް ބަލައި ގަންނަމުން ދިޔައީ "މެނުއަލް" ގޮތެއްގަ އެވެ.
އެ ސޮފްޓުވެއާ ތައްޔާރުކުރުމަށް ފަންޑު ކުރަނީ ޖިއްދާގެ އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުންނެވެ.
އެ ސޮޕްޓުވެއާ ހަދާދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން މެއިލް، އީމެއިލް ނުވަތަ ފެކްސްގެ މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީއަށް ހުށައެޅުމަށް އެ މިނިސްޓުރީން އެދެ އެވެ.