ލަކުޑި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކ. އަތޮޅު ރީތިރަށް ކައިރި އަށް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ރ. ދުވާފަރު ކައިރިން އެ ދޯނި އަޑިއަށް ދިޔަ ކަމަށް ދެންނެވުނީ މައުލޫމާތުގެ އޮޅުމަކުން ކަމަށެވެ. ނަމަވެސް އެ ދޯނި އަޑިއަށް ގޮސްފައި ވަނީ ރީތިރަށް ކައިރިން ކަމަށާއި އެވަގުތު ދޯނީގައި ތިބި ފަސް މީހުން ޑިންގީއަކަށް އަރާފައިވާ ކަމަށެވެ.

އަދުނާން ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ޑިންގީ ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ޑިންގީގައި އެމީހުން ތިބި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ. ނަމަވެސް ބައެއް ފަހަރަށް އެމީހުންނާއި ފޯނުން ގުޅޭތީ އެމީހުން އޮތް ސަރަހައްދު ސީދާ ސާފު ނުވެގެން އަޅުގަނޑުމެންނަށް މިއުޅެނީ،" އަދުނާން ވިދާޅުވި އެވެ.

އަދުނާން އަދި ވިދާޅުވީ އިތުރު އެހެން ދޯންޏެއް ވެސް ހަމަ އެސަރަހައްދުން މިއަދު ދިޔަވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރި ކަމަށެވެ. ނަމަވެސް އެދޯނި ދިޔަ ހިއްކަމުންގޮސް، ބ. އަތޮޅާއި ހަމައިން ވަނީ އެ އަތޮޅު ގޮއިދޫން ނުކުތް ދޯންޏަކުން ދިޔަވި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އަދުނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިޔަވި ދޯންޏަކީ ވެސް ލަކުޑި ބަރުކޮށްފައި އޮތް ދޯންނެއް ކަމަށާއި އެ ދޯނީގައި ތިބީ އޭރު ތިން މީހުން ކަމަށެވެ.