04 Jun 2015, 10:12
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފ. އަތޮޅާއި އައްޑޫ އާއި ދެމެދުގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެތީ އެ ސަރަހައްދަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން "ޔެލޯ އެލާޓް" ނެރެފި އެވެ.
މޫސުމާ ގުޅިގެން ދެވަނަ އަށް ނެރޭ "ޔެލޯ އެލާޓް" ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ކަމަށާއި ހާއްސަކޮށް ފ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވަރަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެސަރަހައްދަށް ރީންދޫ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން 12:00 އަށެވެ.
"މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް، ފ. އާއި ސ. އަތޮޅާއި ދެމެދަށް މޫސުން މާ ގޯސް ކަމަށް ބެލެވޭތީ ޔެލޯ އެލާޓް ނެރެފައިވަނީ." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭ އިރު ވައި ޖެހޭނެ ކަމަށް ބެލެވެނީ ގަޑިޔަކު 13 މެއިލްއާއި 23 މެއިލްއާއި ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ.
މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ތިން އެލާޓަކީ ހުދާއި ރީނދު ލާއި ރެޑް އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ. ރެޑް އެލާޓްގެ މާނައަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.