04 Jun 2015, 10:50
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އިން 2014 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 25 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ހޮޓެލްޖެންގައި ބޭއްވި އެޗްޑީއެފްސީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ކުންފުނީގެ 2014 ވަނަ އަހަރުގެ އަހަރީ ހިސާބު ފާސްކޮށްފަ އެވެ. މީގެ އިތުރުން އެ ކޯޕަރޭޝަންގެ އެކްސްޓާނަލް އޮޑިޓަރުކު ވެސް ވަނީ އައްޔަންކޮށްފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރު އެޗްޑީއެފްސީ އަށް ސާފު ފައިދާގެ ގޮތުގާ ލިބިފައި ވަނީ 54.89 މިލިއަން ރުފިޔާ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 50.93 މިލިއަން ރުފިޔާ އެވެ. އެޗްޑީއެފްސީ އިން ލޯނާއި އެޑްވާންސްގެ ގޮތުގާ 941 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފާވާ ކަމަށް އެޗްޑީއެފްސީގެ ހިސާބުތަކުން ދައްކަ އެވެ.
އެޗްޑީއެފްސީގެ ހިއްސާދާރުންނަކީ ދިވެހި ސަރުކާރު، ސާޅީސް ނުވަ ޕަސެންޓް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން 18 ޕަސެންޓް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް 18 ޕަސެންޓް، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓްސް 15 ޕަސެންޓެވެ.