ރިޔާޒް (ޖޫން 4) : ޔަމަންގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ގެނައުމަށް ޓަކައި އެގައުމުގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތަކުގައި ޔަމަން ސަރުކާރު ބައިވެރިވާނެ ކަމަށް ސައޫދީ އަރަބިޔާގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ވިދާޅުވެއްޖެ އެވެ.
ސައޫދީ އަރަބިޔާގައި ދެއްވި ބަޔާނެއްގައި ހާދީ ވިދާޅުވީ އދ. އިން އިސްނަގައިގެ ބާއްވާ ޔަމަންގެ ސުލްޙައިގެ ވާހަކަތަކަށް އޭނާގެ ސަރުކާރުން ފުރަގަސް ނުދޭނެ ކަމަށާއި އެ ވާހަކަތަކުގައި އޭނާގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގަ އެވެ. ޔަމަންގެ ސުލްޙައިގެ ވާހަކަތައް ފެށުން ލަސްވެފައި ވަނީ އެވާހަކަތަކުގައި ބައިވެރިވުމަށް ހާދީގެ ސަރުކާރުން ޝަރުތުތައް ކުރިމަތިކުރާތީ އެވެ.
އދ. ން މިހާރު ނިންމާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ޖެނީވާގައި އެވާހަކަތައް ފެށުމަށެވެ. ޔަމަނަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު އިސްމާއީލް ވުލްދި ޝައިޚް ވިދާޅުވީ މިއީ އދ. އިން އިސްނަގައިގެ ބާއްވާ ވާހަކަތަކެއް ކަމުގަ އެވެ. މިވާހަކަތައް ފެށުން ލަސްވީ މިކަމުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ޔަމަންގެ ވާދަވެރި ފަރާތްތަކުން ނުލިބިގެން ކަމަށް ވެސް ވުލްދި ޝައިޚް ވިދާޅުވި އެވެ.
ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުން ކުރިމަތިކުރި ޝަރުތުތަކުގެ ތެރޭގައި ހަތިޔާރު ބެހެއްޓުމަށް ފަހު ޔަމަންގެ ބޮޑެތި ސިޓީތަކުން ހޫޘީން ފޭބުން ހިމެނެ އެވެ. މިކަމަށް ހޫޘީން ދެކޮޅުހެދުމުން ހާދީގެ ސަރުކާރުން ބުނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެވޭނީ ހޫޘީންނާ ދެކޮޅަށް އދ. ން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުން ކަމުގަ އެވެ. ނަމަވެސް މިއިން އެއްވެސް ޝަރުތެއް ޙާސިލް ނުވަނީސް މިހާރު ހާދީގެ ސަރުކާރުން ވަނީ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ނިންމާފަ އެވެ.
ޔަމަންގެ ހޫޘީ ޖަމާއަތުން ކުރިން ވެސް ވަނީ އެއްވެސް ޝަރުތަކާނުލައި ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމުގެ މަސައްކަތް ހޫޘީން ހުއްޓާނުލާނަމަ ޔަމަނަށް ސުލްޙަ ނާންނާނެ ކަމަށް އދ. ން ބުނެ އެވެ. އަދި ހާދީގެ ސަރުކާރުން ސައޫދީން ލައްވައި ޔަމަނަށްދޭ ޙަމަލާތައް ވެސް ސުލްޙައަށްޓަކައި ހުއްޓާލަން ޖެހޭ ކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި އދ. ން ދެކެ އެވެ. (ނޫސްއެޖެންސީތައް)