ބޯކޮށް ވާރޭވެހި ގދ. ވާދޫގެ ތިން ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.

ވާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލްކަރީމް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ހުއްޓުމެއް ނެތި އެ ރަށަށް ކުރި ވިއްސާރާގައި މުޅި ރަށުގައި ފެން ބޮޑުވެ ތިން ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ގެއެއްގެ ތަކެއްޗަށް ގެއްލުންވެފައިވާ އިރު އެމީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ވާދޫގައި ފެން ބޮޑުވެފައި-- ސަން ފޮޓޯ: ވާދޫ ކައުންސިލް

"ތިން ގެއަކަށް ފެން ވަދެގެން އޭގެން އެއް ގެއެއްގެ މީހުން އެކުދިންގެ މާމަމެން ގެއަށް ބަދަލުކޮށްފިން، ދެން ތިބި މީހުންވެސް ގޭގައި، އެކަމަކު އެގޭގެއަށް ފެންވަދެފައި ވަނީ." އަހުމަދު ވިދާޅުވި އެވެ.

މުޅި އެ ރަށުގައި ވެސް ފެންބޮޑުވެފައިވާ އިރު ބައެއް ހިސާބުތަކުން ފެން ހިއްކުމަށް ޕަންޕު ޖަހައިގެން މަސައްކަތް ކުރާއިރު އަނެއް ހިސާބްތަކުން އެކުސްޓަވޭޓަރު ބޭނުންކޮށްގެން މޫދަށް ގުޅޭ ގޮތަށް ކޯރެއް ކޮނެ މޫދަށް ފެން ބޭރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ތިން ހަފްތާކުރިން ކުރި ވިއްސާރާގައި ވެސް އެރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.