04 Jun 2015, 10:25
ވޮޝިންޓަން (ޖޫން 4) : ފަރަންސޭސިވިލާތާއި ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްތަކުން ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެންގެވި މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުޓްބޯޅައާ ބެހޭ ބައިނަލްއަގްވާމީ އިއްތިޙާދު (ފީފާ)ގެ ކުރީގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޗަކް ބެލޭޒަރ އެއްބަސްވެ ވަޑައިގެންފި އެވެ.
ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެންބަރެއްކަމަށްވާ ޗަކް ބެލޭޒަ ވިދާޅުވީ 1998 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ބޭއްވި ވޯލްޑް ކަޕާއި ދެހާސް ދިހަ ވަނަ އަހަރު ދެކުނު އެފްރިކާގައި ވޯލްޑް ކަޕް ބޭއްވުމަށް ފީފާއިން ނިންމި ނިންމުންތަކަކީ ރިޝްވަތާއި ކޮރަޕްޝަން އެކުލެވޭ ނިންމުންތަކެއް ކަމުގަ އެވެ. ބެލޭޒާ އަކީ އުތުރު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ ކޮންކަކާފްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ.
އެދެ މުބާރާތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެންގެވި ބޭފުޅުންގެ ތެރޭގައި އޭނާގެ އިތުރުން ފީފާގެ އެތަށް މަސްއޫލުވެރިންނެއް ހިމެނޭ ކަމަށް ޗަކް ބެލޭޒާ ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރު ނިޔުޔޯކްގައި ޗަކް ބެލީޒާގެ މައްޗަށް ހިންގި ޝަރީއަތުގަ އެވެ. އެމެރިކާގައި ބޭއްވި ޝަރީޢަތުގައި ބެލޭޒާ މިކަމަށް އެއްބަސްވިކަން އިއްޔެ ހާމަކޮށްފައިވަނި އެމެރިކާ ސަރުކާރުންނެވެ.
އެމެރިކާ މިހާރު ގެންދަނީ ފީފާގެ މަސްއޫލުވެރިންގެ ކޮރަޕްޝަނާބެހޭ ތަހްގީގްތަކެއް ހިންގަމުންނެވެ. ފާއިތުވި ސައުވީސް އަހަރު ތެރޭގައި ރިޝްވަތުގެ ގޮތުގައި އެކި ގައުމުތަކުންނާއި އެކި ކްލަބްތަކުން 150 މިލިޔަން ޑޮލަރު ނަންގަވާފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ފީފާގެ އިސް މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ 14 ބޭފުޅެއްގެ މައްޗަށް ކުރުމާގުޅިގެން އެބޭފުޅުންގެ މައްޗަށް އެމެރިކާގައި ދަނީ ތަހްގީގްތައް ހިންގަމުންނެވެ. މި 14 ބޭފުޅުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ކަމިޝަންގެ ގޮތުގައާއި ރިޝްވަތުގެ ގޮތުގައި ގައުމުތަކުންނާއި ކްލަބްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނެންގެވުމާއި މަނީ ލޯންޑްރިން އާއި އެނޫންވެސް ކޮރަޕްޝަނާއި ފަސާދައިގެ އެތަށް އަމަލެއް ހިމެނެ އެވެ.
އަނެއްކޮޅުން ފީފާގެ މައި މަރުކަޒު ހުންނަ ސްވިޓްޒަލޭންޑުގެ ފުލުހުން ވެސް ވަނީ ފީފާގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ނިންމެވިކަން އިޢްލާން ކުރައްވާފައިވާ ސެޕް ބްލެޓަރ އާ އެންމެ ގާތުން މަސައްކަތްކުރައްވާ އެޖަމްއިއްޔާގެ އިސް އެތައް މަސްއޫލުވެރިއަކު ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް އެމީހުންގެ މައްޗަށް ތަހްގީގް ހިންގަންފަށާފަ އެވެ.
ބްލެޓަރ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ފަސްވަނަ ދައުރަކަށް ފީފާގެ ރައީސް ކަމަށް އޭނާ އިންތިޚާބުވެވަޑައިގެންނެވިތާ ހަތަރު ދުވަސް ފަހުންނެވެ. މަގާމުން އިސްތިއުފާ ދެއްވިކަން އިޢްލާން ކުރައްވަމުން ބްލެޓަރ ވަނީ އޭނާ ފީފާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ނަމަވެސް ގިނަ ބަޔަކު އޭނާއާ އިދިކޮޅު ކަމުން މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)