04 Jun 2015, 09:47
އިންޑިއާގެ ޓޫރިޒަމް ކުރިއެރުވުމަށާއި އެގައުމުގެ މޫދުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހިންގާން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެގައުމުގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމަށް ހާއްސަކޮށްގެން 1000 ރަށާއި 300 ލައިޓްހައުސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް މިނިސްޓަރު ނިތިން ގަޅްކަރީ ވިދާޅުވެއްޖެ އެވެ.
ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްއައިސީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ނޭޝަނަލް ކޮންފަރެންސް އޮން އިންލޭންޑް ވޯޓަރވޭސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނިތިން ވިދާޅުވީ، އިންޑިއާގެ 101 ކޯރެއް ދަތުރުފަތުރު ކުރެވޭނެ "ވޯޓަރވޭސް"ތަކެއްގެ ގޮތަށް ހެދުމަށް ޕާލިމެންޓަށް ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގެ "އިންދިރާ ޕޮއިންޓް" ލައިޓްހައުސް -- ފޮޓޯ: އިންޑިއާޓައިމްސް
އަދި ކުރިއަށް އޮތް ދޭއް ނުވަތަ ތިންވަރަކަށް އަހަރު ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއަށް 50،000 މިލިއަން ރުޕީސް ހަރަދުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން 300 ލައިޓްހައުސް އާއި 11000 ރަށް ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށް އެ މިނިސްޓްރީ އަށް ބޮޑުވަޒީރު މޯދީ އަންގަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑުވަޒީރު ބަންގުލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު ވޯޓަވޭސް މެދުވެރިކޮށް އެއްގައުމުން އަނެއްގައުމަށް މުދާ އުފުލުމާ ބެހޭ އެއްބަސްވުމެއް އެކުލަވައިލައްވާނޭ ކަމަށް ބެލެވޭ،" ނިއުދިއްލީގައި ވާހަކަފުޅުދައްކަވަމުން ގަޅްކަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޯޓާވޭސްތައް ތަރައްގީކުރުމުގެ މަސައްކަތް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނާނެ ކަމަށެވެ.
ދަތުރުފަތުރު ކުރެވޭ ގޮތަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ 101 ކޯރުގެ ތެރެއިން 16 ކޯރެއް ތަރައްގީކުރާނޭ ގޮތުގެ ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓްތައް މި މަހުގެ ތެރޭގައި ނިންމާލެވޭނޭ ކަމަށް ވެސް އިންޑިއާގެ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް މިނިސްޓަރު ނިތިން ގަޅްކަރީ ވިދާޅުވި އެވެ.

ލަކްޝްވަދީޕް އައިލެންޑްސް -- ފޮޓޯ: ވިކިޕީޑިއާ
އިންޑިއާ ސަރުކާރުން ރާވާފައިވަނީ، ވަރަނަސީއާއި ހަލްދާއީއާ ދެމެދުވާ 1620 ކިލޯމީޓަރުގެ ރާސްތާގައި ވަރަނަސީ، ހަލްދާއީ، ސާހެބްގާންޖް، އަދި ކަލްކަތާ ހިމެނޭގޮތަށް މަލްޓިމޯޑަލް ހަތަރު ހަބު ގާއިމުކުރުމަށެވެ.
މީގެ އިތުރުން އެ ލިސްޓުގައި އާސާމް، އަންޑަމަން އެންޑް ނިކޮބާ އާއި ގުޖްރާތުގެ ހަންޑުލާގައި ޝިޕްބިލްޑިން ޔާޑުތަކާއި ރެޕެއާ ހަބްތައް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް، ބިޒްނަސް އިންސައިޑާސްގައި ބުނެފައިވެ އެވެ.