ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ބާއްވާ އިންޑިޕެންޑެންސް ގޯލްޑަން ޖުބިލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގެ ފުރަތަމަ މެޗްގައި ސިންގަޕޫރުގެ ވެޓެރަންސް ޓީމްގެ މައްޗަށް 2-1 ގެ ނަތީޖާއކުން ރާއްޖޭގެ ޓީމް ކަމިޔާބު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ރާއްޖޭގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ޝާހު އިސްމާޢީލް (ސާޔާ) އެވެ.

ކޮންމެ ހާފެއްގައިވެސް 30 މިނެޓް ކުޅެން ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ސާޔާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓްގައެވެ.

ސާޔާ މިލަނޑު ކާމިޔާބު ކުރީ ރާއްޖެއިން ސިންގަޕޫރުގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ބޯޅަ ގޯލް ލައިން މަތީގައި ޖެހިފައި ތިރިވިވަގުތު ބޮލުން ޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ރާއްޖޭގެ ލަނޑު ޖެހުމަށްފަހު ޝާހު އިސްމާޢީލް އުފާ ކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގެ ދެ ވަނަ ލަނޑު ޝާހު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ 25 ވަނަ މިނެޓްގައި ރާއްޖެއަށް ލިބުނު ޖެހުމެއް ކުރިއަށް ފޮނުވާލައިގެންނެވެ.

ސިނގަޕޫރު ޓީމުން ލަނޑު ކާމިޔަބު ކުރީ ރާއްޖެއިން ދެ ވަނަ ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްގައި ޖުމާރީ ބިން ސައިމަންއެވެ.

މިމެޗްގައި ރާއްޖޭގެ ޓީމްގެ ކެޕްޓަންކަން ކޮށްފައިވަނީ ރާއްޖޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަ މޫސަ) އެވެ.

މުބާރާތް ފައްޓަވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއެވެ.

ވެޓެރެންސް ކަޕް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސްލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން