ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާ އެކު ގދ. ވާދޫން ތިން މީހަކު ރޭ ފަތިހު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އެ މީހުން ދިރިއުޅޭ ތަން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.


View Larger Map

ވާދޫ ކުޑަ ކަތީބު މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ އަތުން 45،000 ރުފިޔާ އާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެމީހުން އަތުން ފެނުނު ފައިސާ އެއަށް ވުރެ މަދުވާނެ ކަމަށެވެ. ނަމަވެސް އެމީހުން އަތުން އަތުލި ފައިސާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ވާދޫ ސްކޫލްގައި ސެކްރެޓަރީއެއްގެ ވަޒީފާގައި އުޅޭ މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެމީހުންގެ އަތުންނާއި ދިރިއުޅޭ ތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒްގެ ހަތަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ކިއްލި ބަންދުކުރަން ބޭނުންކުރާ ކަހަލަ ކުދި 25 ޕެކެޓްގެ އިތުރުން 11 "ޕީސް" ކޮޅު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ފައިސާ އާއި މޯބައިލް ފޯނު ވެސް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.