އެމެރިކާގެ ބަތަލެއް ކަމަށްވާ ރިޓަޔާޑް އެއާލައިން ކެޕްޓަން ޗެސްލީ "ސަލީ" ސަލަންބާގާގެ މައްޗަށް ބިނާކޮށް އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު، ކްލިންޓް އީސްވުޑް ފިލްމެއް ހަދަން ނިންމައިފި އެވެ.

އެމެރިކާގެ ބަތަލެއްގެ ގޮތުގައި ސަލަންބާގާ ފާހަގަކުރަނީ، 2009 ވަނަ އަހަރު އޭނާގެ ޕައިލެޓްކަމުގައި ނިއު ޔޯކުގެ ލަގާޑިއަން އެއާޕޯޓުން ފުރައިގެން ދަތުރުކުރަމުން ދިޔަ ޔޫއެސް އެއާވޭސް ފްލައިޓެއްގައި ދޫނިތަކެއް ޖެހި ހިނގި ހާދިސާއެއްގައި އެ މަތިންދާބޯޓުގެ ދެ އިންޖީނު ފެއިލްވެ، އެމެޖެންސީގައި ކާމިޔާބު ކަމާއެކު ނިއު ޔޯކް ކައިރީގައި އޮންނަ ހަޑްސަން ކޯރަށް ޖެއްސުމުންނެވެ.

ކެޕްޓަން ސަަލަންބާގާގެ އެ އަވަސް ވިސްނުމުގެ ސަބަބުން މަތިންދާބޯޓުން ދަތުރުކުރި 155 ފަސިންޖަރުންނާއި ކުރޫ ވަނީ ސަލާމަތްވެފަ އެވެ. އެ ހާދިސާ މަޝްހޫރުވެފައި ވަނީ "ދަ މިރަކަލް އޮން ދަ ހަޑްސަން"ގެ ނަމުގަ އެވެ.

އެ ހާދިސާގެ މައްޗަށް ކެޕްޓަން ޗެސްލީ އާއި އެމެރިކާގެ ލިޔުންތެރިޔާ ޖެފްރޭ ޒާސްލޯ ލިޔެފައިވާ ފޮތް، "ހަޔަސްޓް ޑިއުޓީ: މައި ސާރޗް ފޮ ވަޓް ރިއަލީ މެޓާސް"ގެ މައްޗަށް ހަދާ އެ ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސް ކުރަނީ ވެސް އީސްޓްވުޑެވެ.

އޭނާއާ އެކު ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކުރާނީ، މިއަހަރުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ "ޖުރެސިކް ވޯލްޑް"ގެ ޕްރޮޑިއުސަރު ފްރޭންކް މާޝަލް އާއި އެލީން ސްޓިވާޓެވެ.

ނަމަވެސް ވޯނާ ބްރޯސްއާ އެކު ހަދާ އެ ފިލްމަށް ދޭނެ ނަމެއް އަދި ނިންމާފައި ނުވާ އިރު، ފިލްމުގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ވެސް އިއުލާންކޮށްފައެއް ނުވެ އެވެ.

އީސްޓްވުޑް ހަދަން ނިންމާ އެ ފިލްމާ ގުޅޭ ގޮތުން އުމުރުން 64 އަހަރުގެ ސަލަންބާގާ ބުނެފައި ވަނީ، އޭނާގެ އެ ވާހަކަ ކްލިންޓް އީސްޓްވުޑް ފަދަ މޮޅު ފިލްމް ހަދާ މީހެއްގެ އަތުގައި އޮތުމުން އުފާވާ ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުންނަށާއި ވޯނާ ބްރޯސް އަށް އޭނާ ވަނީ ތައުރީފުކޮށްފަ އެވެ.

އީސްޓްވުޑް ޑައިރެކްޓްކުރާ އެ ފިލްމަކީ އޭނާގެ ކެރިއަރުގައި ބޮޑު ކާމިޔާބީއެއް ލިބުނު އަދި މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "އެމެރިކަން ސްނައިޕާ" އަށްފަހު އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އޮސްކާ އެވޯޑް ހޯދާފައިވާ "އެމެރިކަން ސްނައިޕާ" އަކީ ވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.