04 Jun 2015, 09:06
މުހިއްމު ބިލުތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ މިއަދު ފަށައިފި އެވެ.
މަޖިލީހުގެ ދެވަނަ ދައުރު ފަށާފައި އެވަނީ ފުރަތަމަ ދައުރު ނިމި އެއް މަސް ދުވަހުގެ ޗުއްޓީ އަކަށް މެމްބަރުން ވަޑައިގެންނެވުމަށްފަހު އެވެ.
މިއަދުގެ ޖަލްސާ ފަށާފައި ވަނީ ގާނޫނުތަކަށް ގެންނަންޖެހޭ ގިނަ އިސްލާހުތަކަކާއި އެކުގައި އެވެ.
އެގޮތުން ވަޒީފާއަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރަމަޝާން މަހުގެ އިނާޔަތް ދިނުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަންނަން ފެނޭތޯ މިއަދު ވޯޓަށް އަހާނެ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އެވެ.
މުހައްމަދު އަލީ ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ތައާރަފު ކުރުމަށްފަހު އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާނެ އެވެ.
މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ އަނެއް ބިލަކީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ގާނޫނު އަސާސީއަށް ގެނެއުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އެ އިސްލާހަކީ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އެ އިސްލާހުވެސް މަޖިލީހަށް ބަލައިންގަންނަން ފެނޭތޯ ވޯޓަށް އަހާނެ އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައިވާ ނަންފުޅުތަކެއް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުން ވެސް އޮންނާނެ އެވެ.
އެގޮތުން ދާދިފަހުން ވަޒީރުކަމަށް އައްޔަން ކުރެއްވި ތިން ބޭފުޅެއްގެ ނަންފުޅާއި ދެ ގައުމަކަށް ސަފީރަކު އައްޔަން ކުރެއްވުމަށް ހުށަހަޅުވާފައިވާ ނަންފުޅުތައް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާނެ އެވެ.
ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހ. އާބަނޑޭރިއާގޭ އަހުމަދު ޒުހޫރާއި އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހަލަވެލި، ބ. އޭދަފުށި ޑރ. އަހުމަދު ޒިޔާދުގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހ. އޯކިޑު އިރުތިޝާމާ އާދަމްގެ ނަންފުޅެވެ.
ހަމައެއާއެކު ރާއްޖެއިން ނޭޕާލަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް މ. މާހުރާ މުހައްމަދު ސަލީމްގެ ނަންފުޅާއި ބޫޓާނާ އަފްގާނިސްތާނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ގ. އުފާ އަހުމަދު މުހައްމަދުގެ ނަންފުޅު އެ ނަންފުޅުތަކުގެ ތެރޭގައި ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާއިރު އިބްތިދާއީ ބަހުސް ކުރައްވާ ގޮތަށް އޮތީ އެންމެ ބިލެއްގައި އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ގޮސްފައި ވަނީ އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތަކާއި އެކުގައި އެވެ. އެކަމުގެ ސަބަބުން ޖަލްސާތައް ބްރޯޑުކާސްޓް ކުރުން ވެސް މަޖިލީހުގެ އިދާރާއިން ހުއްޓާލި އެވެ.