މަންދު ކޮލެޖު ހިންގާ އިމާރާތުގައި ހުރި އެތަނުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބުރާ) ގެ ރޫމްގައި ހުރި ތަކެތި ގެންގޮސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އިބުރާގެ ފަރާތުން ފުލުސް އޮފީހަށް ގުޅައި އެތަކެތި ގެންދަން ބޭނުންވާ ކަމަށް އެދުމުން މިނިސްޓްރީން އެފުރުސަތު ދީފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ އެކު މަންދު ކޮލެޖުގެ ބައެއް މުވައްޒަފުން އެތަނުގެ ތެރެއަށް ވަދެފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

މަންދު ކޮލެޖުގައި ހުރި އިބުރާގެ ތަކެތި ނެރެގެން ކާރަށް އަރުވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ބިދޭސީންގެ އެހީގައި އެތަކެތި ގެންގޮސްފައި ވަނީ މިރޭ 7:50 އެހާކަންހާއިރު އެވެ. ޗެއާމަންގެ ރޫމުން ގެންދިޔަ ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމަކާއި ގިނަ އަދަދެއްގެ ފޮތްތަކާއި ވެކްކެމް އަދި ހެޑްސެޓް ފަދަ ތަކެތި ހިމެނެއެވެ.

މަނދު ކޮލެޖުގެ ޗެއާމަން އިބުރާ މިރޭ ސަން އަށް ވިދާޅުވީ މަންދު ކޮލެޖު ހިންގާ އިމާރާތުން ގެންދިޔައީ އެތަނުގައި ހުރި އޭނާގެ އަމިއްލަ ތަކެތި ކަމަށާއި ކޮލެޖުގެ އެއްވެސް ތަކެއްޗެއް ގެންގޮސްފައިނުވާނެ ކަމަށެވެ.

މަންދު ކޮލެޖުގައި ހުރި އިބުރާގެ ތަކެތި އޭނާގެ ކާރަށް އަރުވާފައި ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އޭނާ ވިދާޅުވީ އެތަކެތި ގެންދަން ބޭނުންވާކަމަށް މިއަދު ފުލުސް އޮފީހަށް ގުޅައި ދެންނެވުމުން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ގުޅުއްވުމަށް ދެންނެވި ކަމަށެވެ. އަދި އޭނާ އެ މިނިސްޓްރީއަށް ނުގުޅަން ނިންމާފައި ވަނިކޮށް މިނިސްޓްރީގެ ޑިރެކްޓަރަކު ގުޅުއްވައި "ކޮންފޯމް ކޮށްލަން ގުޅާލީ" ކަމަށް ދެންނެވި ކަމަށް އިބުރާ ވިދާޅުވި އެވެ.

މިނިސްޓްރީގެ ޑިރެކްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ދައްކާނެ ވާހަކައެއް ނެތް ކަމަށް ދަންނަވާފައިވާނެ ކަމަށާއި ކޯޓު ފިޔަވައި އެހެންތަނެއްގައި މިނިސްޓްރީއާ ވާހަކަދައްކަން ބޭނުންނުވާކަމަށް އިބުރާ ވިދާޅުވި އެވެ.

"އަޅުގަނޑެއް އެޑިއުކޭޝަން މިނިސްޓްރީއަކަށް ނުގުޅާނަން. މިނިސްޓްރީން އަޅުގަނޑު ކައިރީ އަންނާށޭ ބުންޏަސް އަޅުގަނޑެއް ނުދާނަން. އެޑިއުކޭޝަން މިނިސްޓަރު ބޯގަންވިލާ ދޮރުމަތީ 25 އަހަރު ހުއްޓަސް ތިއީ ކާކުހޭ ވެސް އަހާ ނުލާނަން. އަޅުގަނޑު ދެން އެޑިއުކޭޝަން މިނިސްޓްރީއާ ދައްކާ ވާހަކައެއް ދައްކާނީ ކޯޓުގަ. އެހެންތާކު އަޅުގަނޑާ އެޑިއުކޭޝަން މިނިސްޓްރީއާ ދައްކާނެ ވާހަކައެއް ނެތް މިހާރު،" އިބުރާ ވިދާޅުވި އެވެ.

މަންދު ކޮލެޖުގައި ހުރި އިބުރާގެ ތަކެތި ނެރެގެން ކާރަށް އަރުވަނީ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް މަންދު ކޮލެޖް ހިންގާ ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގެ އިމާރާތް ގެންގޮސްފައި ވަނީ އެތަން ހުސްކުރުމަށް އެ މިނިސްޓްރީން ފޮނުވި ނޯޓިހަށް އަމަލުކުރުން ފަސްކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމާ ގުޅިގެންނެވެ.