އަމީނީމަގުގައި މިހާރު އަޅާފައި ހުރި ގާތައް މުޅިން ނަގައި އަލުން ގާ ޖަހަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ސަންޓީވީގެ "50 މިނެޓް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލުން ގާ ޖަހާނީ ގާތަށް ނަގައި، މަގު އަލުން ލެވެލް ކުރުމަށް ފަހު ކަމަށެވެ.

"މިނިވަން 50 ނޫނީ ޖުލައި 26 ގެ ފަހުން އަޅުގަނޑުމެން މިކަންތަކަށް ފަށައިގަންނަން މިވިސްނަނީ. އެހެންވީމާ އޯގަސްޓްމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެމަސައްކަތަށް އަމަލީ ގޮތުން ދެވޭނެ،" ޑރ. މުޢިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމީނީމަގު ލެވެލްކޮށް އަލުން ގާ ޖެހުމަށް ކުރަން ޖެހޭ ސާވޭ ވެސް މިހާރު ކޮށް ނިމިފައިވާ ކަމަށެވެ.

ގާ ޖެހުމުގެ މަސައްކަތް ކުރާނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި އެކަމުގެ ތަޖުރިބާ ހުރި މުވައްޒަފުން އެބަތިބި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އަމީނީމަގުގައި ޖަހާނެ ގާ ހޯދަން މިހާރު އޯޑަރު ދީފައިވާ ކަމަށާއި އެތަކެތި ލިބުމުން މިނިސްޓްރީގެ މުވައްޒަފުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަމުން އަންނަ 1080 ފްލެޓެއްގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާގެ ޓާޓާ ކުންފުނިން އަޅާ ފްލެޓްތަކުގެ މަސައްކަތް ވެސް މުއްދަތަށް ނިމޭނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށެވެ.

ޓާޓާ ހައުސިން އިން މާލޭގައި އިމާރާތް ކުރަމުން އަންނަ މަސައްކަތް ހިނގާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތް އިތުރަށް ލަސްކުރިޔަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމަސައްކަތް ހިނގަމުންދާ ގޮތް އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ބަލަމުން. އެމަސައްކަތް އިތުރަށް ލަސްކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.