ނެސްލޭ އިންޑިއާ ކުންފުނިން އުފައްދާ "މެގީ ނޫޑްލްސް"ގައި ސިއްހީގޮތުން ރައްކާތެރި ނޫން މިންވަރަކަށް "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ"އާއި ލެޑް އެކުލެވިފައިވާކަން ތަހުލީލުތަކުން ހާމަވުމާ ގުޅިގެން ވެރިރަށް ދިއްލީގައި މެގީ ނޫޑްލްސް ވިއްކުން 15 ދުވަހަށް މަނާކޮށްފި އެވެ.

ދިއްލީ ސަރަހައްދީ ސަރުކާރުގެ ހެލްތު މިނިސްޓަރު ސަތިޔަންދުރާ ޖެއިން ވަނީ، އެ ސްޓޭޓްގައި މިވަގުތު ވިއްކުމަށް ނެރެފައިވާ މެގީ ނޫޑްލްސްގެ ސްޓޮކް ވިއްކުން ވަގުތުން ހުއްޓާލުމަށާއި އަދި ރަނގަޅަށް ކޮލިޓީ ޓެސްޓް ހެދުމަށް ފަހު، އާ ސްޓޮކް ބާޒާރަށް ނެރުމަށް "ނެސްލޭ އިންޑީއާ"އަށް ގޮވާލައްވައިފަ އެވެ.

"މެގީ ނޫޑްލްސް"ގައި ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ބޭނުންކުރާ "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ" އާއި ކެމިކަލްގެ ބާވަތެއް ކަމުގައިވާ ތިމަރަ އާދަޔާޚިލާފަށް އެކުލެވޭ ކަމަށް ތުހުމަތުކުރެވިގެން އޭގެ ނޫޑްލުސް ތަހްލީލުކުރި އިރު 13 ޕެކެޓުގެ ތެރެއިން 10 ޕެކެޓްގައި އާދަޔާ ޚިލާފަށް ކެމިކަލްގެ އަސަރު ހުރިކަމަށް ދިއްލީ ސަރަހައްދީ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން އިންޑިއާގައި ބޭނުންކުރާ ހުރިހާ ބްރޭންޑެއްގެ ނޫޑްލުސްތައް އަލުން ޓެސްޓުކުރުމަށް ސަރަހައްދީ ސަރުކާރަށް ހެލްތު މިނިސްޓަރު ގޮވައިލެއްވި އެވެ.

ނެސްލޭގެ އޮފިޝަލުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވުމަށްފަހު ސަތިޔަންދުރާ ޖެއިން ވިދާޅުވީ، އެބޭފުޅުންގެ ވާހަކަފުޅުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

އިންޑިއަން އާމީ އިން ވެސް ވަނީ، މިވަގުތު މެގީ ނޫޑްލުސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށާއި ސިފައިން ކެއުމުގައި މެގީ ނޫޑްލްސް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ދިއްލީގެ ކަމާބެހޭ ފަރާތްތަކުން ނެސްލޭގެ މެގީ ނޫޑްލުހުގައި އާދަޔާ ޚިލާފަށް ތިމަރައިގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އެބާވަތުގެ ނޫޑްލުސް ބޭނުންކުރުން ރަނގަޅު ނޫންކަމަށް އިއުލާނުކުރުމާ ގުޅިގެން ކެރެލާ ސްޓޭޓްގައި އިއްޔެ ވަނީ، ސަރުކާރުގެ 13000 ވަރަކަށް އައުޓްލެޓްތަކުގައި ހުރި މެގީ ނޫޑްލްސް ނެގުމަށް އަމުރުކޮށްފަ އެވެ.

ކެރެލާގެ އިތުރުން، މަހާރާޝްތުރައާއި ގުޖުރާތާއި އުއްތަރުޕްރަދޭޝް ފަދަ ސްޓޭޓްތަކުން ވެސް ވަނީ، މެގީ ނޫޑްލުސްއިން އާދަޔާ ޚިލާފަށް ތިމަރައިގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އެބާވަތުގެ ނޫޑުލުސް ކެއުން ރައްކާތެރި ނޫންކަމަށް އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ ނޫސް އޭޖެންސީތަކުން މައުލޫމާތު ފަތުރާ ގޮތުގައި، ނެސްލޭ ކުންފުނީގެ ބައެއް އުފެއްދުންތައް ކެއިންބުއިމަށް ރައްކާތެރި ނޫންކަމަށް އެގައުމުގެ ބައެއް ސްޓޭޓްތަކުގައި އިއުލާނުކުރުމާ ގުޅިގެން މިއަދުވަނީ، ނެސްލޭ ބްރޭންޑްގެ ވިޔަފާރިން 10 ޕަސެންޓް ދަށްވެފަ އެވެ.

ނެސްލޭއިންޑިއާ ވެބްސައިޓްގައި ބުނެފައިވަނީ، އުއްތަރުޕްރަދޭޝްގެ ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ އިދާރާތަކުން ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން އެ ކުންފުނިން އުފައްދާފައިވާ މެގީ ނޫޑްލްސްގެ 600 ބެޗްގެ އުފެއްދުންތައް ޓެސްޓުކުރުމަށް މިނިވަން ލެބޯޓަރީތަކާ ހަވާލުކުރެވިފައިވާ ކަމަށާއި އަދި 1000 ބެޗްގެ ޕްރޮޑަކްޓްސް (ގާތްގަނޑަކަށް 125 މިލިއަން ޕެކެޓް މެގީ ނޫޑްލްސް) ނެސްލޭ ކުންފުނިން އެކްރެޑިޓްކުރާ ލެބޯޓަރީތަކުގައި ޓެސްޓުކުރަމުން އަންނަ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި މިހާތަނަށް ކުރެވުނު ތަހްލީލުތަކުން މެގީ ނޫޑްލްސް އަކީ ސިއްހީގޮތުން ރައްކާތެރި ކާނާގެ ބާވަތެއްކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ސްވިޒަލޭންޑުގެ ނެސްލޭ ކުންފުނީގެ އުފެއްދުންތަކަކީ ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ އަދި މަޝްހޫރުކަން ހޯދާފައިވާ ބާވަތްތަކެކެވެ.