03 Jun 2015, 20:01
ތުއްތުކުދީންނަށް ހާއްސަކޮށް ނެސްލޭއިން ތައްޔާރުކޮށްފައިވާ ހިކި ކިރުގެ ބާވަތެއް ކަމަށްވާ، "އެންއޭއެން ޕްރޯ 3 މިލްކް ޕައުޑަރ" ޕެކެޓަކުން ދިރޭ ފަނިތަކެއް ފެނިގެން އިންޑިއާގެ ޓެމިލްނާޑޫގެ ސިޓީއެއް ކަމަށްވާ ކޮއެމްބަޓޫރގައި އެބާވަތުގެ ކިރުޕެކެޓްގެ އިތުރު ސާމްޕަލްތައް ޓެސްޓު ކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ނެސްލޭ ކުންފުނިން އުފައްދާ ކިރުގެ ބާވަތަކުން ދިރޭ ފަނިތަކެއް ފެނުނު މައްސަލަ ފެންމަތިވެފައި މިވަނީ، އިންޑިއާގައި އުފައްދާ އެ ކުންފުނީގެ މަޝްހޫރު ނޫޑްލުސް ބްރޭންޑް "މެގީ ނޫޑްލްސް"ގައި ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ބޭނުންކުރާ "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ" އާއި ކެމިކަލްގެ ބާވަތެއް ކަމުގައިވާ ތިމަރަ އާދަޔާޚިލާފަށް އެކުލެވޭކަމަށް ޓެސްޓުތަކުން ހާމަވެފައިވާ މައްސަލައެއް ވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ އެންޑީޓީވީން ބުނީ، ނެސްލޭ ކިރުޕަކެޓަކުން (Nestle NAN PRO 3 milk powder) އިން ދިރޭ ފަނިތަކެއް ފެނިފައިވާ މައްސަލަ ފެންމަތިވީ، މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޮއެމްބަޓޫރގެ ޕްރޭމް އާނަންތު ކިޔާ މީހަކު އޭނާގެ އެއްމާބަނޑު ތުއްތު ދެ ކުދިންނަށް ބޯންދިނުމަށް "އެންއޭއެން ޕްރޯ 3 މިލްކް ޕައުޑަރ" ކިރުޕަކެޓެއް ގެނެސް އޭގެ ތެރެއިން އެއް ކުއްޖަކަށް އެ ކިރު ދިނުމުން އެކުއްޖާ އެއަށް އެލާޖިކްވުމާ ގުޅިގެން ކަމަށެވެ.
"އަހަރެންގެ މުވައްކިލް އެ ކިރުގެ ސާމްޕަލް ސަރުކާރުގެ ލެބޯޓަރީއެއްގައި ޓެސްޓުކުރީ. އަދި ލެބް ރިޕޯޓް ލިބުމުން އޭނާ އެ ރިޕޯޓު ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ އިދާރާތަކަށް ހުށަހެޅީ،" ޕްރޭމް އާނަންތުގެ ގާނޫނީ ވަކީލު ސުދިޝް ކުމާރު އެންޑީޓީވީއަށް ކިޔައިދިނެވެ.
"އަހަރެމެން މިދަނީ ކުންފުންޏާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ ހުރިހާ މުއައްސަސާތަކަކާ މުއާމަލާތްކުރަމުން."
ކޮއެމްބަޓޫރގެ ފުޑް ސޭފްޓީ އޮތޯރިޓީން ނެސްލޭ ކުންފުނީގެ ކިރުގެ ބާވަތް "އެންއޭއެން ޕްރޯ 3 މިލްކް ޕައުޑަރ" ޓެސްޓުކުރުމުން އެ ކިރުން ދިރޭ ފަނީގެ އަސަރު ފެނިފައިވާތީ، އެ ބާވަތުގެ ކިރު ބޭނުން ކުރުމަށް ކަމުނުދާކަމަށް ފުޑް ސޭފްޓީ އޮތޯރިޓީން ބުނެފައިވާ ކަމަށް އެންޑީ ޓީވީން ރިޕޯޓުކޮށްފައި ވެއެވެ.
ކޮއެމްބަޓޫރުގެ ފުޑް ސޭފްޓީ އޮތޯރިޓީން މިހާރު ގެންދަނީ، ދިރޭ ފަނިތަކެއް ފެނިފައިވާ ނެސްލޭ ހިކިކިރުގެ ބާވަތުގެ ރެންޑަމް ސާމްޕަލް އެ ސިޓީގެ އެކި ސަރަހައްދު ތަކުން އެއްކުރަމުންނެވެ. އެގޮތުން އިތުރަށް ފަނީގެ އަސަރު އެބާވަތުގެ ކިރު ޕެކެޓްތަކުން ފެނިއްޖެ ނަމަ، މުޅި އިންޑިއާގެ އެކި ކަންކޮޅުގައިވެސް އެފަދަ ރެންޑަމް ޓެސްޓެއް ހެދުމަށްފަހު ކުންފުންޏާ ދޭތެރޭގައި ފިޔަވަޅު އަޅާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅިގެން "ނެސްލޭ އިންޑިއާ" އިން ބުނެފައިވަނީ، އެ ކުންފުނީގެ "އެންއޭއެން ޕްރޯ 3 މިލްކް ޕައުޑަރ" އަކީ ބުއިމަށް ރައްކާތެރި ބާވަތެއް ކަމަށާއި، އެބާވަތުގެ ކިރު ޕަކެޓަކުން ދިރޭ ފަނިތަކެއް ފެނުނު މައްސަލަ އެ ކުންފުނިން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން އަދި މިހާތަނަށް އިންޑިއާގެ ކަމާގުޅޭ އިދާރާއަކާ ނުވަތަ އެ ބޭނުންކުރި ފަރާތަކާވެސް ގުޅާފައި ނުވާކަމަށް އެ ކުންފުނިން ބުންޏެވެ.
ނެސްލޭ އިންޑިއާއިން ބުނީ، އެ ކުންފުނީން އެންމެ ބޮޑު އަހަންމިއްޔަތެއް ދޭ އެއްކަމަކީ ކުފުނީގެ އުފެއްދުންތަކުގެ ރައްކާތެރިކާމާއި ކޮލިޓީ ކަމަށެވެ.
ދިއްލީގެ ކަމާބެހޭ ފަރާތްތަކުން ނެސްލޭގެ މެގީ ނޫޑްލުހުގައި އާދަޔާ ޚިލާފަށް ތިމަރައިގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އެބާވަތުގެ ނޫޑްލުސް ބޭނުންކުރުން ރަނގަޅު ނޫންކަމަށް އިއުލާނުކުރުމާ ގުޅިގެން ކެރެލާ ސްޓޭޓްގައި އިއްޔެ ވަނީ، ސަރުކާރުގެ ހުރިހާ އައުޓްލެޓް ތަކުގައި ހުރި މެގީ ނޫޑްލްސް ނެގުމަށް އަމުރުކޮށްފައެވެ.
ކެރެލާގެ އިތުރުން، މަހާރާޝްތުރައާއި ގުޖުރާތާއި އުއްތަރުޕްރަދޭޝްފަދަ ސްޓޭޓްތަކުން ވެސް ވަނީ، މެގީ ނޫޑްލުސްއިން އާދަޔާ ޚިލާފަށް ތިމަރައިގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އެބާވަތުގެ ނޫޑުލުސް ކެއުން ރައްކާތެރި ނޫންކަމަށް އިއުލާނުކޮށްފައެވެ.
އިންޑިއާގެ ނޫސް އޭޖެންސީތަކުން މައުލޫމާތު ފަތުރާ ގޮތުގައި، ނެސްލޭ ކުންފުނީގެ ބައެއް އުފެއްދުންތައް ކެއިންބުއިމަށް ރައްކާތެރި ނޫންކަމަށް އެގައުމުގެ ބައެއް ސްޓޭޓްތަކުގައި އިއުލާނުކުރުމާ ގުޅިގެން މިއަދުވަނީ، ނެސްލޭ ބްރޭންޑްގެ ވިޔަފާރިން 10 ޕަސެންޓް ދަށްވެފައެވެ.
ސްވިޒަލޭންޑުގެ ނެސްލޭ ކުންފުނީގެ އުފެއްދުންތަކަކީ ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ އަދި މަޝްހޫރުކަން ހޯދާފައިވާ ބާވަތްތަކެކެވެ.