މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރުގައި ނިއު އަތުން 3-1 ގެ ނަތީޖާއިން ބަލިވެ ސަން ޓީމް މުބާރަތުން ކަޓައިފި އެވެ.

ކުޅިވަރު އެކުވެނީގެ މައިލޯ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ނިއުގެ އިންޑިއާ ގައުމީ ޓީމްގެ ކެޕްޓަން ނޮގޮންގަމް ބަލަޑެވީ ވަނީ ދެ ލަނޑު ޖާހަފައެވެ.

ނިއުގެ ފުރަތަމަ ލަނޑު ނޮގޮންގަމް ކާމިޔާބު ކުރީ މެޗް ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައެވެ.

އެލަނޑު ޖެހިތާ 10 މިނެޓްފަހު ނޮގޮންގަމް ވަނީ ދެ ވަނަ ލަނޑު ކާމިޔަބުކޮށްފައެވެ.

ނިއުގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިންޑިއާގެ އެހެން ކުޅުންތެރިޔެއް ކަމުގައިވާ އޮއިނަމް ބެމްބެމް ޑޭވީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ބެމްބެމް ޑޭވީއެވެ.

ސަން ޓީމްގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގެ 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕާކިސްތާނުގެ ގައުމީ ޓީމްގެ ފޯވަޑް ހަޖްރާ ހާންއެވެ.

މިދެޓީީމް ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗުން ނިއު މޮޅުވީ 4-2 ގެނަތީޖާ އަކުންނެވެ.

މުބާރަތުގެ ފުރަތަމަ ޗެމްޕިއަން ސަން މިމެޗުން ބަލިވުމުން ނިއުއާ ދެކޮޅަށް ފައިނަލް ކުޅޭނީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އެވެ.

ފައިނަލް މެޗުގެ ކުރިން ކުޅޭ މި މުބާރާތުގެ އެންމެ ފަހު މެޗްގައި މިރޭ ބައްދަލު ކުރާނީ ސްޓާއާއި ޑީއެސްސީއެވެ.