01 Mar 2011, 15:02
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ނިއުޓްރިޝަނާ ބެހޭ ގައުމީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު ޑިޒީސް ކޮންޓްރޯލް )ސީސީއެޗްޑީސީ(އާއި ޔުނިސެފާ ގުޅިގެން "އިންޓެގްރޭޓަޑް ނޭޝަނަލް ސްޓްރެޓަޖީ ފޯ ނިއުޓްރިޝަން، ފުޑް ސޭފްޓީ އެންޑް ފުޑް ސެކިއުރިޓީ 2015-2011" އެކުލަވާލުމަށް މިއަދު ފެށި ބައްދަލުވުމުގައި، ފުޑް އެންޑް ނިއުޓްރިޝަން ދާއިރާއާ ގުޅުން ހުރި 40 ފަރާތަކުން ބައިވެރިވާ ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
ސީސީއެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، އެ މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ފުޑް އެންޑް ނިއުޓްރިޝަންގެ ދާއިރާގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައި، އެކަމަށް ވޯކްޝޮޕްގެ ބައިވެރިން އަހުލުވެރި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މީގެ އިތުރުން ބައިވެރިވާ ފަރާތްތަކުގެ ދާއިރާތަކުން ރާއްޖޭގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށް ދިމާވާ މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަމުގެ މައްޗަށް އެކްޝަން ޕްލޭނެއް މި މަސައްކަތު ބައްދަލުވުމުގައި އެކުލަވާލާނެ" ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އަދި ރާއްޖޭގެ ފުޑް އެންޑް ނިއުޓްރިޝަންގެ ހާލަތައް ބަލައި ސީސީއެޗްޑީސީން ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެ ރިޕޯޓުގައި ކާބޯތެކެތީގެ ރައްކާތެރިކަމާއި ސިއްޙަތަށް ފައިދާހުރި ކާނާގެ ރައްކާތެރިކަން ރާއްޖޭގައި ހުރި ހާލަތާ ގުޅޭ މައުލޫމާތު ހިމަނައިފައިވާ ކަމަށް ވެސް ސީސީއެޗްޑީސީން ބުނެ އެވެ.