ތިމާވެށި ހިމާޔަތްކުރުމުގާ ރާއްޖެ އަކީ މިސާލެއް ކަމަށް އދ ގެފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ސެކެއްޓަރީ ޖެނެރަލް ތާލިބް ރިފާއީ ވިދާޅުވެއްޖެ އެވެ.

ބަނޑޮސް އައިލެންޑްގައި ކުރިއަށްދާ ޔޫއެންޑަބްލިއުޓީއޯގެ ރީޖަނަލް ކޮންފަރެންސް ފެށުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ތާލިބް ވިދާޅުވީ ރާއްޖޭގެ ތިމާވެށްޓަކީ އެންމެ ނާޒުކު އެއް ތިމާވެށިކަމަށާއި ނަަމެވެސް ރާއްޖޭން ފަތުރުވެރިކަން ކުރިއަރުވަމުން ދަނީ ތިމާވެށްޓަށް ގެއްލުންނުވާ ގޮތަށް ކަަމަށެވެ.

"ފަތުރުވެރިން މިއަދު ދާންބޭނުންވަނީ ތިމާވެށްޓަށް ސަމާލުކަންދޭ ތަންތަނަށް. އަދި އަމިއްލަ ސަގާފަތަށް އަށް ސަމާލުކަންދޭ ތަންތަނަށް،" ރިފާއީ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޓްރެންޑަށް އަންނަަ ހަތަރު ބަދަލެއް ފާހަގަކުރައްވަމުން ރިފާއީ ވިދާޅުވީ ތިމާވެށި ހިމާޔަތްކުުރުމަކީ އޭގެތެރެއިން އެންމެ މުހިއްމު އެއް ކަންތައް ކަަމަށެވެ. ތިމާވެށްޓަކީ ފަތުރުވެރިކަމުގެ ގުދުރަތީ ރައުސުލްމާލު ކަން ފާހަގަކުރައްވާ ރިފާއީ ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވާނަމަ މި ރައުސުލްމާލު ދަމަހައްޓަންޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ޓްރެންޑަށް ދެން އަންނަ އެއް ބަދަލުގެ ގޮތުގާ ރިފާއީ ވިދާޅުވީ 'ސޯސް މާކެޓްތައް' ބަދަލުވަމުންދާ ބަދަލުވުމެވެ. އެގޮތުން އެންމެ ގިނަ މީހުން ދަތުރުކުރާ ގައުމުތައް ބަދަލުވެފައިވާ ކަމަށާއި ޗައިނާ، އިންޑިއާ، ބްރެޒިލް، މެލޭޝިއާ، އިންޑޮނީޝިއާ ފަދަ ގައުމުތަކުން ގިނަމީހުން ޗުއްޓީހޭދަކުުރުމަށް ދަތުރުކުރާ ކަމަށް ރިފާއީ ވިދާޅުވިއެވެ. މީގެ އިތުރުން ދޮށީއުމުރުގާ ދަތުރުކުރާ މީހުން އިތުރުވަމުންދާ ކަަމަށް ރިފާއީ ވިދާޅުވިއެވެ. އެހެންކަމުން މިބަދަލުތަކާ އެއްގޮތަށް ފަތުރުވެރިންނަށް ދޭ ހިދުމަތްތައް މިބަދަލުތަކާ އެއްގޮތަށް ބައްޓަންކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ރިފާއީ ވިދާޅުވިއެވެ.

"ރާއްޖޭން އެބަޖެހޭ ހުރިހާ ވައްތަރެއްގެ ފަތުރުވެރިންނަށް ކޭޓާ ކޮށްދޭން،" ރިފާއީ ވިދާޅުވި އެވެ.

ފަތުރުވެރި ކަމަށް ޓެކްނޮލަޖީއާއެކު އަންނަ ބަދަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރިފާއީ ވިދާޅުވީ ސޯޝަލް މީޑިއާގެ ދައުރު ފުޅާވަމުން އަންނަ ކަމަށެވެ.

"ޕްރޮމޯޝަނާއި ރިޒަވޭޝަނާއި ބުކިން ވެސް ހަދަމުންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް. އެ ފެންވަަރަށް ތަރައްގީވާންޖެހޭ ރާއްޖެ ވެސް،" ރިފާއީ ވިދާޅުވިއެވެ.

ރިފާއީގެ ވާހަކަތައް ބަލައިގަންނާނެ ކަމަށް އެ ޕްރެސްކޮންފަރެންސްގާ އަދީބު ވިދާޅުވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ކޮންފަރެންސެއް ދަނީ ރާއްޖޭގާ ބާއްވަމުންނެވެ. މި ކޮންފަރެންސަކީ ސައުތުއޭޝިޔާ އާއި އިރުމަތީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުން ފެންވަރުންގެ ބޭފުޅުންގެ ބައްދަލުވުމެކެވެ.