ބައެއް ގައުމުތަކުން ކުރާ ޓްވީޓްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ދުންޔާ އިޝާރާތް ކުރައްވާފައި އެވަނީ ރާއްޖެ އަށާއި ސްރީލަންކާއަށް އެކްރެޑިޓްކޮށް، ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ގާއިމްކޮށްފައިވާ އެމްބަސީން އިއްޔެ ކުރި ޓްވީޓަށް ކަމަށް ބެލެވެ އެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ އިދިކޮޅު ތިން ލީޑަރަކާ ދެކޮޅަށް ދައުވާ ކުރާތީ ކަންބޮޑުވާ ކަމަށެވެ.ޑިމޮކްރަސީއަށް ދިވެހި ރައްޔިތުންގެ ހިތުގައި އިތުބާރު އުފެދޭތަން ދެކެން ބޭނުންވާ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މިއަދު ކުރެއްވި ފުރަތަމަ ޓުވީޓްގައި ވިދާޅުވެފައި ވަނީ "ޝަރުއީ މަރުހަލާގެ ކަންކަމަށް ސަރުކާރުން ނުބެހޭނެ" ކަމަށެވެ. އަދި ދެ ވަނަ ޓުވީޓްގައި ވިދާޅުވެފައި ވަނީ ގާނޫނާ އެއްގޮތަށް އިންސާފު ލިބިދެވޭނެ ކަމަށެވެ.

"...އަހަރެމެންގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންސާފު ލިބިދެވޭނެ. ކުށުގެ އަމަލުތަކާއި ހަމަނުޖެހުމަށް ޖާގައެއް ނުދެވޭނެ،" ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

އިމްރާނާއި އަމީން އަދި ސޮބާހުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިއަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިއަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދެއްކުމުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑް ފަޅާލައި، އަނިޔާވެރި އަމަލުތަކެއް ހިންގުމުން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އިމްރާނުގެ ޝަރީއަތް ރޭ ފަށާފައިވާ އިރު އޭނާ ވަނީ ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަމީނާއި ސޮބާހުގެ ޝަރީއަތް ރެޔަށް ތާވަލު ކުރި ނަމަވެސް އެމީހުން ރޭއްޖޭގައި ނޫޅުއްވާތީ ޝަރީއަތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.