03 Jun 2015, 16:47
ޕެރިސް (ޖޫން 3): އިރާގާއި ސޫރިޔާގެ ބޮޑު ބައެއް ހިފައިގެން އުޅޭ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތް ބަލިކޮށްލުމަކީ އަވަހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވިދާޅުވެއްޖެ އެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ކޯލިޝަންގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ޕެރިހުގައި ބޭއްވުމަށްފަހު އިރާގުގެ ބޮޑުވަޒީރު ހައްދަރުލްއަބާދީ އާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފެބިއޮސް ވިދާޅުވީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ދަތި އަދި އުނދަނގޫ ހަނގުރާމައެއް ކަމަށާއި އެއްގަމު މަގުން އައިއެސްއާ ދެކޮޅަށް އިރާގު ކުރަމުން ގެންދާ ހަނގުރާމައަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ބައިނަލް އަގްވާމީ ކޯލިޝަންގެ ގައުމުތައް ތިބީ އިރާގުގެ ފަހަތުގައި ކަމުގަ އެވެ.
ކޯލިޝަންގެ ގައުމުތަކުން ހަނގުރާމައިގެ މައިދާނަށް އިރާގު އެކަނި ދޫކޮށްނުލާނެ ކަމަށް ވެސް ފެބިއޮސް ވިދާޅުވި އެވެ. ކޯލިޝަންގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުމުގައި އިރާގުގެ ބޮޑުވަޒީރު ހައިދަރުއަލްއަބާދީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޯލިޝަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިރާގުގެ ބޮޑުވަޒީރު ޙައިދަރުލްއަބާދީ ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތަކާއި މިސްރުގެ ޒުވާނުން ކަމުގަ އެވެ. އަދި އެމެރިކާ އާއި ފަރަންސޭސިވިލާތާ ޖަރުމަނާ އަދި އިނގިރޭސިވިލާތުގެ މީހުން ވެސް އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ކަމަށާއި އެ އެންމެން އިރާގަށް އައިސް އިރާގުގައި ބޮންގޮއްވައި އިރާގު އާންމު ރައްޔިތުން މަރައި ޓެރަރިސްޓް ޢަމަލުތައް ހިންގަނީ ކީއްވެގެންތޯ އަބާދީ ސުވާލުކުރެއްވި އެވެ.
އައިއެސް އަކީ އެމެރިކާ ސިފައިން އިރާގަށް އަރައި ހިންގި އަނިޔާވެރި އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވަ ޖަމާއަތެކެވެ. މިޖަމާއަތް ސޫރިޔާގައި ފޫޅާވެގެންދިޔައީ ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އެގައުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިންނެވެ.
މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ މަންދޫބު ވަނީ ފާއިތުވި ދެއަހަރު ތެރޭގައި އައިއެސްގެ 10 ހާސް ހަނގުރާމަވެރިން މަރާލެވިފައިވާކަން ބަޔާން ކުރައްވާފަ އެވެ. ނަމަވެސް އައިއެސް އަދިވެސް ވަރުގަދަ ކަމަށާއި އެޖަމާއަތުގެ ހިންގުމާއި އިދާރީ އޮނިގަނޑާއި މާލީ އޮނިގަނޑު ވެސް ވަރުގަދަކަމަށް އެމެރިކާގެ މަންދޫބު ވިދާޅުވި އެވެ. އައިއެސް އާ ދެކޮޅަށް އެމެރިކާ ދޭ ވައިގެ ޙަމަލާތައް ސީރިޔަސްނޫން ކަމަށާއި އެއީ ނަމެއްގައި ކުރާ ކަމެއް ކަމަށްވަނީ ތުހުމަތު ކުރެވިފަ އެވެ. (ރޮއިޓާސް)