ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގެ އިމާރާތް ބޭނުން ކުރުމަށް ވެފައިވާ އެއްބަސްވުމުގެ އަސާސާ ހިލާފުވުމުން، ތަޅު އަޅުވާފައިވާ އިމާރާތުގައި ހިންގާ މަންދު ކޮލެޖާއި އެ ކޮލެޖުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަންދު ކޮލެޖަށް ފުލުހުން ފޮނުވައި އެ ކޮލެޖްގައި ތަޅުއަޅުވައި ބަންދުކޮށް، ދަރިވަރުން މަގުމަތިކޮށްފައިވާތީވެ އެ ޕާޓީން އެކަމާ ކަންބޮޑުވާ ކަމަށެވެ.

މަންދު ކޮލެޖުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ މައްސަލަ ނިމުމުގެ ކުރިން މި ސަރުކާރުން ރޭގަނޑުގެ ވަގުތުގައި ފުލުހުން ފޮނުވައިގެން އެ ކޮލެޖްގައި ތަޅުއަޅުވައި ބަންދުކުރި ކުރުމަކީ ސިޔާސީ ގޮތުން ހިންގާފައިވާ ސަރުކާރުގެ ވަރަށް ހުދުމުހުތާރު އަމަލެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

"މި އަމަލަަކީ މަންދު ކޮލެޖްގައި މިހާރު މަތީ ތައުލީމު ހާސިލުކުރަމުން ގެންދާ 800 އަށްވުރެ ގިނަ ދަރިވަރުންގެ ހައްގައް އެއްގޮތަކަށް ވެސް ބަލައިލުމެއް ނެތި، އެ ދަރިވަރުން ނިކަމެތިކޮށް މަގުމަތި ކޮށްލިކޮށްލުމެއް ކަމުގައި ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގައި ޒުވާނުން ބިނާ ނުކުރެވި، ޒުވާނުންގެ މުސްތަގުބަލު ހަލާކުވެ، ރާއްޖޭގެ ތަރައްގީ މަޑުޖެހިގެންދާނެތީ ކަންބޮޑުވާ ކަމަށެވެ.

މަންދު ކޮލެޖަށް ފުލުހުން ގޮސް އެ އިމާރާތް ބަންދުކުރީ އެ ކޮލެޖް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ނޯޓިސްއާ އެއްގޮތަށް އަމަލްކޮށްފައި ނުވާތީ އެވެ. އެ ނޯޓިސް އެ ކޮލެޖަށް ފޮނުވާފައި ވަނީ އެމްއީއެސްގެ ކުރީގެ މަސްއޫލުވެރީން ކަމުގައިވާ ގ.ސިނަމާލެ 3 (34-04) އަލީ މުސްތަފާ އާއި، މ. ސިނާ، އަހްމަދު ޒާހިރާއެކު އެ މިނިސްޓްރީން 2008 ޑިސެމްބަރު 28، ވެފައިވާ އެއްބަސްވުމުގެ އަސާސަކީ، އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުން ކަމުގައިވާއިރު އެފަދަ ސްކޫލެއް އިއްޔެ އާ ހަމައަށް ވެސް ހިންގާފައި ނުވާތީ އެވެ. އެމްއީއެސް އިމާރާތަކީ ބަންޑާރަ ބިމެއްގައި ދައުލަތުން ހަރަދުކޮށްގެން އިމާރާތް ކުރި ސްކޫލެކެވެ.