03 Jun 2015, 16:23
ދިވެހި ރާއްޖޭގެ ޗައިލްޑް ހެލްޕްލައިން އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ ގްރޫޕުގެ މުވައްޒަފުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީނުމާ އެކު ހޮޓްލައިން ނަންބަރެއް ގާއިމްކޮށްދީފި އެވެ.
މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އެހީ ދިވެހި ރާއްޖޭގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަށް ހަވާލުކޮށްދެއްވީ އުރީދޫ ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު ރެގިއުލޭޓަރީ އެފެއާޒް ލިން އޭ ޑޯވާޑް އެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނުބުނެ އެވެ.
ކުޑަކުދިންގެ ހެލްޕްލައިނަކީ ކުޑަކުދިންގެ އިހުސާސްތައް ދެނެގަނެ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދީ އަދި ކުދިންގެ ހިތުގައި އުފެދޭ ތަފާތު ޝުއޫރުތައް އެއްވެސް ބިރެއްނެތި ފާޅުކުރުމަށް ކުދިންނަށް ޓަކައި ހުޅުވާލާފައިވާ ހިލޭގުޅޭ ފޯންލައިނެކެވެ. އެގޮތުން އެ ހިދުމަތް ލިބޭނީ 1412 މި ނަންބަރުންނެވެ.
އެ ފޯނުކޯލްތަކަށް ޖަވާބު ދެއްވާނީ ތަމްރީނު ލިބިފައިވާ ގާބިލް ކޭސް ވޯކަރުންނެވެ. ހެލްޕްލައިންގެ އެހީ ހޯދާ ކުޑަކުދިން ދައްކާ ވާހަކަ އަޑުއަހައި އެހީތެރިވެދިނުމަށް މަސައްކަތްކުރުމުގެ އިތުރުން، ކުދިން ގުޅައިގެން ދައްކާ އަދި ކިޔައިދޭ ވާހަކައިގެ ސިއްރު ދަމަހައްޓާނެ އެވެ. އަދި ފޯނުކުރާ ކުދިންވަނީ އެމަޖެންސީ ހާލަތެއްގައި ނަމަ ނުވަތަ އަވަސް އެހީއެއް ބޭނުންވާ ނަމަ ކަމާ ބެހޭ އިދާރާތަކާވީ އެންމެ އަވަހަކަށް ގުޅުވައިދޭ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާނެ އެވެ.
މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޖީ އަނިލް ވިދާޅުވީ ޗައިލްޑް ހެލްޕްލައިނަކީ ދިވެހިރާއްޖޭގެ ކުޑަކުދިންނަށް އެކުދިންނަށް ދިމާވާ އެކިކަހަލަ ކަންކަމުގައި އެހީވެދިނުމަށް ވަރަށް މުހިން ވަސީލަތެއް ކަމަށެވެ. އަދި ޗައިލްޑް ހެލްޕްލައިނެއްގެ އިތުރުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގައި މައުލޫމާތު ލިއްބައިދޭނެ ނިޒާމެއް ވެސް ބޭނުންވާ ކަމަށެވެ.
އެހެންކަމުން ކުޑަކުދިންގެ ރައްކާތެރިކަމަށް ޓަކައި އުރީދޫ އިން ވެދެއްވި އެހީތެރިކަމާ އެކު ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.
މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ޗައިލްޑް ހެލްޕްލައިން އިންޓަނޭޝަނަލް ޕްރޮގްރާމްއަށް އެ ކުންފުނިން ފުރިހަމައަށް އެއްބާރުލުންދޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މޮބައިލް ޓެކްނޮލޮޖީ މުހިން ރޯލެއް ކުޅޭ އިރު، އެ ޕްރޮގްރާމަކީ މޮބައިލް އިންޑަސްޓްރީގައި އެޅޭ ކުންފުނިތަކަށް އެފަދަ ކަންކަމުގައި މޮބައިލް ޓެކްނޮލޮޖީގެ ބޭނުންހިފޭނެ ގޮތްތައް ހިއްސާކޮއްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި، ރާއްޖޭގެ ޗައިލްޑް ހެލްޕްލައިން އާއި ވަރަށްގާތުން މަސައްކަތް ކުރަމުން ގެންދާނަން،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.
ދެހާސް ނުވަ ވަނަ އަހަރު ފެށުނު ޗައިލްޑް ހެލްޕްލައިން ތައާރަފު ކުރުމުގައި ވެސް އުރީދޫ މޯލްޑިވްސް އިން ވަނީ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދީފަ އެވެ.