އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަ އަކީ އަރަހުށި މާތް ﷲ އިންސާނިއްޔަތަށް ދައްކަވައިފައިވާ އެންމެ ފުރިހަމަ ނަމޫނާއެވެ. އިންސާނުން ހިނގާން އޮތް މަގަށް އަލިކޮށްދޭ އެންމެ ފާންކަން ގަދަ ދަންމަރެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި އެކަލޭގެފާނަށް ދެއްވައިފައިވާ ލަޤަބަކީ "ރަޙްމަތުއް ލިލްޢާލަމީން" ގެ މަތިވެރި ލަޤަބެވެ.

އިސްލާމް ދީނުގެ ނަބިއްޔާއާ މެދު އަޅުގަނޑުމެން މުސްލިމުން މި ބާވަތުގެ ދަޢުވާއެއް ކުރާ އިރު މިއީ ހަމައެކަނި މުސްލިމުންގެ ދީނީ ޖޯޝުގައި ކުރާ ދަޢުވާއެއް ނޫނެވެ. ހަމައެކަނި ކަމޭހިތުމާއި، ރަނގަޅު ހީގެ މައްޗަށް ބިނާކުރާ ދަޢުވާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ އިންސާނީ ތާރީޚުން އެ ދަޢުވާއެއްގެ ސާބިތު ހެކި ފެންނާން ހުރި ޞަރީޙު ދަޢުވާއެކެވެ.

އިންސާނިއްޔަތަށް ޓަކައި ފުރިހަމަ ނަމޫނާއެއް ކަމުގައި ބެލެވޭނީ އެ މީހެއްގެ ޙަޔާތުގެ ނަމޫނާގައި ތިން ޝަރުޠެއް ފުރިހަމަވެގެންނެވެ. އެންމެ ފުރަތަމަ ޝަރުޠަކީ އެ މީހެއްގެ ސީރަތު ތާރީޚުން ފުރިހަމަޔަށް އެނގޭން އޮތުމެވެ. އެ މީހެއްގެ އުޅުމާއި، ގުޅުމާއި، ވަނަވަރާއި، މި ހުރިހާ ކަމެއް ތާރީޚީ ފަތްފުށްތަކުގައި ފުރިހަމަޔަށް ރެކޯޑުކުރެވި ރައްކާތެރިކުރެވިފައި އޮތުމެވެ. އިތުބާރުކުރެވޭ ފަދަ މުޢުތަބަރުގޮތެއްގައި އަޅުގަނޑުމެންނާ ހަމަޔަށް އެ ވާހަކަތައް އައިސްފައި ވުމެވެ. ދެވަނަ ކަމަކީ އެ މީހަކު ދުނިޔެއަށް ދިން ދަޢުވަތާއި އެ މީހަކު ގެނެސްދިން އިންސާނީ ޙަޔާތުގެ ދުސްތޫރަކީ މުޅި އިންސާނިއްޔަތަށް ޢާއްމު ދަޢުވަތަކާއި ދުސްތޫރެއް ކަމުގައި ވުމެވެ. ވަކި ޚާއްސަ ހިސާބެއްގެ ވަކި ނަސްލެއްގެ ބަޔަކަށް ޚާއްޞަވެފައި ނުވާ ޢާއްމު ދަޢުވަތަކާއި ދުސްތޫރެއް ކަމުގައި ވުމެވެ. ތިންވަނަ ކަމަކީ އެ މީހެއްގެ ސީރަތުން އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާތަކަކަށް މަގު ފެނުމެވެ. އަލިކަން ލިބުމެވެ. އެ މީހަކީ ތިމާގެ އިމާމެއް ކަމުގައި ބަލައިގެންފި މީހެއްގެ ޙަޔާތުގެ އެއްވެސް ކަމަކަށް ނުވަތަ އެއްވެސް ދާއިރާއަކަށް އަލިކަން ނުލިބި ނޯންނަ ފަދަ ފުރިހަމަ ގޮތެއްގައި މަގުދައްކައިދެވޭ ނަމޫނާއެއް ކަމުގައި ވުމެވެ.

ތާރީޚީ ރެކޯޑުތަކާއި ސަނަދުތައް

އިންސާނީ ތާރީޚުގައި އެ މީހެއްގެ ޙަޔާތު ފުރިހަމަޔަށް ރެކޯޑުކުރެވިފައި ވުމާއި، އެ ރެކޯޑުތަކުގެ ސަނަދުތަކުގެ ދާއިރާގައި އިސްލާމް ދީނުގެ ނަބިއްޔާ ފިޔަވައި އެހެން ކޮންމެ ދީނީ އިމާމެއްގެ ޝަޚްޞިއްޔަތާ މެދު ފިކުރު ހިންގައިލިކަމުގައި ވިޔަސް ޖެހޭނީ ވަރަށް ބޮޑަށް މާޔޫސް ވާށެވެ. މި މޭރުމުން މިއަދު އަޅުގަނޑު ބަލައިލާނީ ދުނިޔޭގައި އޮތް އެންމެ ބައިގިނަ މީހުންގެ ދީން ކަމުގައި ވާ ކްރިސްޓިއަން ދީނުގެ މަރުކަޒީ ޝަޚްޞިއްޔަތު ކަމުގައި ބެލެވޭ ޢީސާ ޢަލައިހިއްސަލާމާ މެދުގައެވެ.

އަޅުގަނޑުމެންގެ މާތް ދީން ކަމުގައި ވާ އިސްލާމް ދީނުގައި އިރްޝާދުދެއްވައިފައިވާ ގޮތުގައި ވެސް ސަލާމްލެއްވި ޢީސާގެފާނަކީ މާތްﷲ ފޮނުއްވި ތެދުވެރި ނަބީބޭކަލެކެވެ. އެހެންކަމުން އަޅުގަނޑުމެން ކުރެ ކޮންމެ މުސްލިމަކު ވެސް އެކަލޭގެފާނުގެ މަތިވެރި މަޤާމަށް އިޢުތިރާފުވަމުއެވެ. އެކަލޭގެފާނަށް ޙައްޤު ޝަރަފާއި މާތްކަން އަރުވަމުއެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތާ މެދު މި މައިގަނޑު ނަމުގައި އަޅުގަނޑު މި ވާހަކަދައްކަނީ ހަމައެކަނި ތާރީޚީގޮތުންނެވެ.

ސަލާމްލެއްވި މަސީޙު ޢީސާ ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ދަޢުވަތުގެ ހަމައެކަނި ރިފަރެންސަކަށް އޮތީ ބައިބްލްގެ ނިއު ޓެސްޓަމެންޓެވެ. އެއީ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ވަޙީއާއި، އެކަލޭގެފާނުގެ އިލްހާމްތަކާއި، ވިދާޅުވި ވަޢުޡުތަކާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ޙާދިޘާތަކާ މެދު އެކަލޭގެފާނުގެ އަރިހުން ސީދާގޮތުންނާއި މެދުވެރީންގެ ވަސީލަތުން މަޢުލޫމާތު ހޯއްދެވި ބޭކަލުންގެ ލިޔުއްވުންތަކާއި އެ ބޭކަލުންނަށް "ދެއްކެވި ދެއްކެވުންތަކުގެ" މައްޗަށް އެކުލެވިފައިވާ މަޖްމޫޢާއެކެވެ. ބައިބްލްގެ މި ބައިގައި ވަނީ ހަތާވީސް ސުޙުފެކެވެ. ނަމަވެސް އޭގެ ތެރެއިން ހަތް ޞުޙުފަކާއި ޞުޙުފެއްގެ ބައެއް ބައިތަކަކީ ޚުދު ކްރިސްޓިއަން ޢިލްމުވެރީން ވެސް އެއްބަސްވެވަޑައިނުގަންނަވާ ލިޔުންތަކެކެވެ. (އިޡުހާރުލް ޙައްޤު: ޖިލްދު 1)

މަސީޙު ވާހަކަފުޅުދެއްކެވީ އާރާމީ ބަހުންނެވެ. ނަމަވެސް އިންޖީލުގެ އެންމެ ކުރީގެ ފޮތެއް ފެންނާން އޮތީ ގްރީކު ބަހުންނެވެ. މުރްޤިސް (މާރކް) ގެ އިންޖީލު ލިޔެވިފައި ވަނީ މަސީޙުގެ 65-70 އަހަރު ފަހުންނެވެ. މައްތާ (މެތިއު) ގެ އިންޖީލު 85-90 އަހަރު ފަހުންނެވެ. ލޫޤާ (ލޫކް) ގެ އިންޖީލު 90-95 އަހަރު ފަހުންނެވެ. ޔޫޙަންނާ (ޖޯން) ގެ އިންޖީލު 110 އަހަރު ފަހުންނެވެ. އިންޖީލުގެ މުސައްނިފުންގެ ތެރޭގައި ޢީސާ ޢަލައިހިއްސަލާމްގެ ޙަވާރީ ބޭކަލަކު ނެތެވެ. އެއިން އެއްވެސް ފޮތެއްގެ އެއްވެސް ސަނަދެއް ނެތެވެ. ޚުދު ޢީސާގެފާނުގެ އަރިހުން އިންޖީލުގެ ކާތިބުންނާ ހަމަޔަށް އައިސްފައިވާ ސަނަދެކެވެ. މުޅި ނިއު ޓެސްޓަމެންޓް ލިޔެވިފައިވާ ގޮތާއި، އޭގެ އިތުބާރު ހުރި ނެތް މިންވަރަކާ ބެހޭގޮތުން ނިޔާ ކަނޑައަޅައިފައި ވަނީ ބައިބްލާ ބެހޭގޮތުން ބޭއްވުނު ތިންވަނަ ކާރތީޖު ކައުންސިލުންނެވެ. އެ ކައުންސިލް ބާއްވައިފައި ވަނީ ޢީސާގެފާނުގެ 397 އަހަރު ފަހުންނެވެ.

އަނެއްކޮޅުން ޚުދު އެ ތަރުޖަމާގެ ޙާލު ހުރި ގޮތަކީ ޗާޗުން އެންމެ ފުރަތަމަ އެ ތަރުޖަމާ ޤަބޫލެއް ވެސް ނުކުރެއެވެ. އެ ތަރުޖަމާ ޤަބޫލުކޮށްފައި ވަނީ މާ ފަހުންނެވެ. ކައުންސިލް އޮފް ޓްރެންޓުން (Council of Trent) ނެވެ. އެހައިތަނަކުން ވެސް ކްރިސްޓިއަން ޢިލްމުވެރީން އެ ތަރުޖަމާއަށް ކުރައްވާ އިޢުތިރާޟުތަކަކަށް ނިމުމެއް ނާދެއެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި އެ ތަރުޖަމާ އަކީ "މާ އަވަސް އަރުވައިލައިގެން ކުރެވިފައިވާ ތަރުޖަމާއެކެވެ. ވަރަށް ގިނަ ބަދަލުތަކެއްގެ ސަބަބުން ނުބައިވެފައިވާ ތަރުޖަމާއެކެވެ." (ފާދަރ ޔޫނުސު ސިންގް)
ބައިބްލްގެ އެހެނިހެން ތަރުޖަމާތައް ކުރެވިފައި ވަނީ އިސްވެ ދެންނެވި ތަރުޖަމާއިންނެވެ. އެ ތަރުޖަމާތަކުގެ ތެރޭގައި ކިންގް ޖޭމްސްގެ އަމުރުފުޅަށް ހެމްޕްޓަންކޯޓް ކޮންފަރެންސު (Hampton Court Conference) ގައި ކުރެވުނު މަޝްހޫރު އިނގިރޭސި ތަރުޖަމާ ވެސް ހިމެނެއެވެ. އެ ތަރުޖަމާ ޝާއިޢުކުރެވުނީ 1611 މ. ގައެވެ. އެއަށްފަހު 1884 މ. ގައި އެ ތަރުޖަމާ ވަނީ އަލުން އިސްލާޙުކުރެވިފައެވެ. ކިންގް ޖޭމްސް ބައިބްލް (King James Bible) ގެ ނަމުން މަޝްހޫރުވެފައި ވަނީ މި ދެންނެވި ބައިބްލެވެ.

އިސްވެ ދެންނެވި ޙަޤީޤަތްތަކުގެ އަލީގައި ދަންނަވަން ޖެހެނީ ބައިބްލަކީ ޢީސާ ޢަލައިހިއްސަލާމް މި ދުނިޔެއާ ވަކިވެވަޑައިގެންނެވިތާ ދިގު މުއްދަތަކަށް ފަހު އެކަލޭގެފާނާ ސީދާ ގުޅުމެއް ނެތި ތަރުތީބުކުރެވުނު ފޮތެއް ކަމުގައެވެ. އެ ފޮތުގެ އެޑިޓަރުންގެ ތެރޭގައި އެކަލޭގެފާނުގެ ޙަވާރީއަކު ވެސް ހިމެނިވަޑައިގެންފައެއް ނުވެއެވެ. އެ ފޮތަކީ އިތުބާރު ހުރި ފޮތެއް ކަމުގައި ކަނޑައެޅޭނެ ސަނަދުގެ ސިލްސިލާއެއް ވެސް ނެތެވެ. އެ ފޮތުގެ ބައެއް ޞުޙުފުތަކަކީ ޚުދު ކްރިސްޓިއަނުންގެ ތެރޭގައި ވެސް އިތުބާރެއް ނެތް ޞުޙުފުތަކެކެވެ. އިންޖީލުގެ އާރާމީ ބަހުން ލިޔެވިފައިވާ އެއްވެސް ކޮޕީއެއް ނެތެވެ. ސަލާމްލެއްވި މަސީޙުގެ މާދަރީ ބަހަކީ އާރާމީ ބަހެވެ. އެހެންކަމުން އިންޖީލު ފެށިފައި ވަނީ ވެސް ތަރުޖަމާއަކުން ކަމުގައި ބުނާން ޖެހެއެވެ. މި ދެންނެވި އެންމެ މުސްކުޅި ތަރުޖަމާއެއް ވެސް މިހާރަކު ފެންނާކަށެއް ނެތެވެ. ފެންނާން ހުރި ތަރުޖަމާތަކުގެ ތަރުޖަމާއެވެ. އެ ތަރުޖަމާތަކަކީ ވެސް ކުރީން ވެސް ދެންނެވި ފަދައިން ކްރިސްޓިއަން ބައެއް ޢިލްމުވެރީން ވެސް އެ ތަރުޖަމާތަކުގެ ޞައްޙަކަމާ މެދު އިޢުތިރާޟުކުރައްވާ ތަރުޖަމާތަކެކެވެ. ކަން މިހެން ހުރުމާ އެކު މަސީޙު ޢަލައިހިއްސަލާމްގެ ޙާލުކޮޅުތަކާއި އެކަލޭގެފާނުގެ ސީރަތާ މެދު އެ ފޮތަކީ އިތުބާރު ހުރި ރިފަރެންސެއް ކަމުގައި ބުނާނެ ޖާގަ އޮތީ ކިހާވަރަކަށް ކަން ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެވަޑައިގެންފައެއް ނުވާނެއެވެ. ބައިބްލްގެ މަޝްހޫރު މުފައްސިރެއް ކަމުގައި ވާ ހާރަން އޭނާގެ ތަފްސީރުގައި މި މޭރުމުން ލިޔުއްވާފައި ވެއެވެ.

"މުޤައްދަސް ފޮތަކީ ކަލާނގެ ޙަޟުރަތުން އައިސްފައިވާ ވަޙީ ކަމުގައި ބުނާ އިރު އޭގެ މާނައަކީ އޭގެ ކޮންމެ ލަފުޒަކީ ނުވަތަ މުޅި ޢިބާރަތަކީ އިލާހީ އިލްހާމެއް ކަމުގައި ބުނުމެއް ނޫނެވެ. އަދި ކީއްތޯއެވެ. މުސައްނިފުންގެ މުޙާވަރާތަކާއި، އެބައިމީހުންގެ ބަޔާންތަކުގައި ހުރި ޚިލާފުން ސާބިތުވަނީ އެބައިމީހުންގެ ޠަބީޢަތާއި، އާދަކާދައާ އެއްގޮތަށް އެ މީހެއްގެ އަމިއްލަ ވިސްނުމާ ގުޅޭ ގޮތަކަށް ލިޔުމަށް ހުއްދަދެވިފައިވާ ކަމެވެ. ނަތީޖާއެއްގެ ގޮތުން އިލްހާމީ ޢިލްމެއް ބޭނުންކުރެވިފައި އެ ވަނީ ރަސްމީ އެހެން ޢިލްމުތައް ވެސް ބޭނުންކުރެވޭ ގޮތަށެވެ. އެބައިމީހުން ބަޔާންކޮށްފައިވާ ކޮންމެ ވާހަކަޔަކީ އިލްހާމީ ވާހަކައެކޭ ނުބުނެވޭނެއެވެ. އެބައިމީހުން ބަޔާންކުރާ ކޮންމެ ޙުކުމަކީ ވެސް އިލްހާމީ ޙުކުމެކޭ ވެސް ބުނެވޭކަށެއް ނޯންނާނެއެވެ."

އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައި ލިޔެފައި ވެއެވެ.

"ބައިބްލްގައި ލިޔެފައިވާ ކޮންމެ ވާހަކައަކީ އިލްހާމީ ވާހަކައެއް ކަމުގައި ދަޢުވާކުރާ މީހުންނަކަށް އެބައިމީހުންގެ ދަޢުވާ ފަސޭހައަކުން ސާބިތުކޮށެއް ނުދެވޭނެއެވެ." – (އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ: 19/20)

ދެން އަޅުގަނޑުމެން އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ސީރަތާމެދު ބަލައިލަމާ ހިންގަވާށެވެ. އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ސީރަތުގެ މައިގަނޑު ދެ މަޞްދަރެއް އެބައޮތެވެ. އެއީ މާތް ﷲ ގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތެވެ. މި ދެންނެވި ދެ މަޞްދަރުގެ ތެރެއިން އެންމެ ފުރަތަމަ މަޞްދަރަކީ ކީރިތި ޤުރްއާނެވެ. އެ ފޮތް އެންމެ ފުރަތަމަ ލިޔެވުނު ބަހުން، އެ އަކުރުތަކުން، އެ ބަހުރުވައިން މިއަދާ ހަމަޔަށް ވެސް ވަނީ ރައްކާތެރިކުރެވިފައެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ވަނީ އެ ކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޚުދު އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުން އެ ފޮތް ލިޔުއްވައިފައެވެ. އެ ފޮތުގެ އާޔަތްތަކާއި ސޫރަތްތައް ތަރުތީބުކުރައްވައިފައެވެ. (ޞުޔޫޠީ، އަލްއިތުޤާން ފީ ޢުލޫމުލް ޤުރްއާން: 1/64، އާލޫސީ، ރޫޙުލް މަޢާނީ) އެތައް ބަޔަކު ވަނީ އެކަލޭގެފާނުގެ އަރިހުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ސުވަރުގެ ވަޑައިގެންނެވިތާ އެއް އަހަރު ވެސް ނުވަނީސް ކީރިތި ޤުރުއާން ފޮތެއްގެ ސިފައިގައި ދެ ބޭރުގަނޑުގެ ދެމެދަށް ޖަމާކުރައްވައިފައެވެ. މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާން ޛުއްނޫރައިނި ރަޟިޔަﷲ ޢަންހު ވަނީ ކީރިތި ޤުރުއާން އެންމެން އެއް ގޮތަކަށް އެއް ލަހެޖާއަކުން ކިޔަވާ ގޮތަށް މުސްލިމުން އިއްތިފާޤުކުރައްވައިފައެވެ. (ޒަރްކަޝީ: އަލްބުރްހާން ފީ ޢުލޫމުލް ޤުރްއާން) މި ހުރިހާ ކަމެއް މި ގޮތަށް ހަމަޖެހިފައި ވަނީ އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވިތާ ތިރީހަކަށް އަހަރު ވެސް ނުވަނީހެވެ. އޭރުއްސުރެ އެތައް ހާސް ބައެއްގެ ހިތްތަކުގައި ވެސް ކީރިތި ޤުރްއާން ވަނީ ރައްކާތެރިކުރެވިފައެވެ. މާނައަށް ފަރަޤެއް އަންނަ ފަދަ ލަފްޒީ އެއްވެސް ތަފާތަކާ ނުލައެވެ.
އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ސީރަތުގެ ދެވަނަ މަޞްދަރަކީ އެކަލޭގެފާނުގެ ސުންނަތެވެ. ނުވަތަ ޙަދީޘުފުޅުތަކެވެ. އެ ޙަދީޘުފުޅުތަކުގެ ރާވީންނަކީ ޚުދު އިތުރު ސާހިބާގެ ޞަޙާބީންނެވެ. ޙަދީޘުފުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ބައެއް ވަނީ އިތުރު ސާހިބާގެ ޙަޔާތްޕުޅުގައި ލިޔެވިފައެވެ.

އިތުރު ސާހިބާގެ ޙަދީޘުފުޅުތަކުގެ ބޮޑު ޚަޒާނާގައި ހިމެނޭ ކޮންމެ ޙަދީޘެއްގެ ސަނަދު ވަނީ ލިޔެވި ރައްކާތެރިކުރެވިފައެވެ. އެ ސަނަދުތަކުގައި ހިމެނޭ ހުރިހާ ރާވީންގެ ޙާލަތުތައް ވެސް ވަނީ ހޯދި ރެކޯޑުކުރެވި ރައްކާތެރިކުރެވިފައެވެ. އެ ރެކޯޑުތަކަކީ ތާރީޚުގައި އޭގެ ދެވަނަ މިސާލެއް ނުވާ ފަދަ ގިނަގުނަ މައުލޫމާތުތަކެކެވެ. އެ ސަނަދުތަކާއި މައުލޫމާތުތަކުގެ އަލީގައި ކޮންމެ ޙަދީޘެއްގެ ވެސް އިތުބާރު ހުރި ނެތް ގޮތާއި، ގަދަ، ބަލި ކަން މިއަދު ވެސް ބަލައިލެވޭން އެބައޮތެވެ.

މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ދަޢުވަތު

ދީނަކާ މެދު އެ ދީނަކީ ބައިނަލްއަޤުވާމީ ދީނެއް ކަން ނުވަތަ މުޅި އިންސާނިއްޔަތުގެ ދީނެއް ކަން ކަނޑައެޅުމަށްޓަކައި ބޭނުން ވަނީ އެ ދީނެއްގެ އުނގަންނައިދިނުންތަކަކީ ބައިނަލްއަޤުވާމީ އެއްޗެއް ކަމުގައި ވުމެވެ. އެއްވެސް ތަފާތުކުރުމެއް ނެތި މުޅި އިންސާނިއްޔަތާ މެދު އެއް ނަޒަރަކުން ބަލާ ދީނެއް ކަމުގައި ވުމެވެ. އިންސާނުން ތަފާތު ގިންތިތަކަކަށް ބަހާ ދީނެއް ކަމުގައި ނުވުމެވެ.

ސަލާމް ލެއްވި ޢީސާގެފާނާ މެދު މި ރޮނގުން ވިސްނައިލާ އިރު ކީރިތި ޤުރުއާނުގައި ވާ ގޮތުން އެކަލޭގެފާނަކީ ބަނީ އިސްރާއީލުންގެ ގާތަށް ފޮނުއްވި ރަސޫލު ބޭކަލެކެވެ. (އާލުޢިމްރާން: 49) އާދެ، ޚާއްޞަ ނަސްލެއްގެ ބައެއްގެ ގާތަށް ފޮނުއްވި ބޭކަލެކެވެ. ބައިބްލްގައި ވާ ގޮތުން ޚުދު މަސީޙުގެ ދޫފުޅުން ވެސް މިކަން ތަސްދީޤުވެއެވެ.
"ބަނީއިސްރާއީލުގެ ގެއްލިފައިވާ "ކަންބަޅިތައް" ފިޔަވައި އެހެން ބައެއްގެ ގާތަކަށް އަހަރެން ފޮނުއްވިގެންނެއް ނުވެއެވެ." (މެތިއު: 5, 6, 10)

އިންޖީލުގައިވާ ގޮތުން ޢީސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިވަރުންނަށް އިރްޝާދުދެއްވައިފައި ވެއެވެ. "އެހެނިހެން ޤައުމުތަކުގެ މީހުންގެ ގާތަށް ނުދާށެވެ. ސާމިރީންގެ ރަށްރަށަށް ނުވަންނާށެވެ. އަދި ކީއްހެއްޔެވެ؟ އިސްރާއީލު ބާގައިގެ ގެއްލިފައިވާ ކަންބަޅިތަކުގެ ގާތަށް ދާށެވެ. (މެތިއު: 6:10) އެހެންކަމުން ޢީސާގެފާނުގެ ޙަވާރީއަކު ދީނަށް ގޮވައިލެއްވުމަށްޓަކައި އިސްރާއީލުގެ ދަރިކޮޅުގެ މީހަކު ފިޔަވައި އެހެން މީހެއްގެ ގާތަށް ވަޑައިގެންފި ނަމަ އެ ދުވަސްވަރު އެ ކަން ހިމެނިފައި އޮތީ ފާޑުކިޔޭ އަދި ބަޙުޘުކުރެވޭކަމެއް ކަމުގައެވެ.

އިސްވެދިޔަ ބާވަތުގެ އެތައް ހެކިތަކަކާއި ދަލީލުތަކަކުން ސާބިތުވަނީ ސަލާމް ލެއްވި މަސީޙުގެ ނަބީކަމާއި އެކަލޭގެފާނުގެ ދީނީ ދަޢުވަތަކީ ހަމައެކަނި އިސްރާއީލު ދަރިކޮޅަށް ޚާއްސަ ކަމެއް ކަމުގައެވެ. އެހެންކަމުން މަސީޙުގެ ދަޢުވަތަކީ މުޅި އިންސާނިއްޔަތަށް ޢާއްމު ދަޢުވަތެއް ކަމުގައި ބުނާ މީހުންނަކީ އެ ދަޢުވާ ސާބިތުކުރެވޭނޭ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތް ދަޢުވާއަކާއިގެން ތެދުވެތިބި ބައެކެވެ.

މިތާނގައި ޢާއްމުގޮތެއްގައި އަޅުގަނޑު ބަޔާންކޮށްފައި މި ވަނީ ބައިބްލްގައި މަސީޙުގެ ތަސްވީރު ކުރަހާފައިވާ ގޮތެވެ. ޝައްކެއް ވެސް ނެތެވެ. ކޮންމެ ނަބީ ބޭކަލަކީ ވެސް އެ ބޭކަލެއްގެ ދައުރަށް ޓަކައި ނަމޫނާއެކެވެ. ނަމަވެސް ޚުދު މަސީޙު ވިދާޅުވާ ގޮތުގައި ވެސް އެކަލޭގެފާނު ފޮނުއްވުނީ ކުރީގެ ޝަރީޢަތަށް އެއްވެސް ބަދަލެއް ގެންނަވާކަށެއް ނޫނެވެ. ތައުރާތުގެ އެއްވެސް ޙުކުމެއް ބަދަލުކުރެއްވުމަކީ އެކަލޭގެފާނުގެ މިޝަނެއް ނޫނެވެ. ނަމަވެސް ސެއިންޓް ޕޯލް ވަނީ ނުހަނު ކެހިވެރިގޮތެއްގައި ތައުރާތާއި ކްރިސްޓިއަނިޓީއާ ގުޅުން ކަނޑާލައިފައެވެ.

އަނެއްކޮޅުން އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމައާ މެދު ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވަނީ އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. (އަލްއަންބިޔާއު: 107) އެކަލޭގެފާނަށް ބާވައިލެއްވި ކީރިތި ޤުރްއާނާ މެދު ވަޙީކުރައްވައިފައި ވަނީ އެ ޤުރްއާނަކީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތެއް ކަމުގައެވެ. (އަލްބަޤަރާ: 185)

އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ވަނީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވައިގެން އެކަލޭގެފާނުގެ ދަޢުވަތު އުދަރެސްތަކަށް ހުޅުއްވާލައްވައިފައެވެ. އެ ޒަމާނުގައި ދުނިޔޭގައި ތިއްބެވި ބޮޑެތި ބޮޑެތި ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅުތައް ފޮނުއްވައިފައެވެ. އިތުރު ސާހިބާގެ ޞަޙާބީންގެ ތެރޭގައި ދުނިޔޭގެ އެކި ތަންތާނގެ އެކި ނަސްލުތަކުގެ ޞަޙާބީން ތިއްބެވިއެވެ. ޙަބަޝާގެ ބިލާލެވެ. ރޫމީންގެ ޞުހައިބެވެ. ފާރިސީންގެ ސަލްމާނެވެ. ބަނީ އިސްރާއީލުގެ ޢަބްދުﷲ ބިން ސަލާމެވެ. ޔަމަނުކަރައިގެ އަބޫހުރައިރާ އެވެ. މައުލާނާ މުނާޒިރު އަޙްސަން ގީލާނީގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިންދުކަރައިގެ ބޭކަލެއް ވެސް ޞަޙާބީންގެ ތެރޭގައި ހުންނެވިއެވެ. ނަންފުޅަކީ ރަތަން އެވެ. (ރަޟިޔަﷲ ޢަންހުމް)

އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ވަނީ މުޅި އިންސާނިއްޔަތަށް ހަމަހަމަކަމާއި އެއްވަރުކަމުގެ ތަޢުލީމު ދެއްވައިފައެވެ. މާތްކަމާއި މަތިވެރިކަމުގެ މިންގަނޑަކީ ނަސްލީ ކަމެއް ނޫން ކަން އަންގަވައިފައެވެ. އަދި ކީއްތޯއެވެ. އެ މިންގަނޑަކީ ތަޤުވާވެރިކަން ކަމުގައި އިރުޝާދު ދެއްވައިފައެވެ. (އަލްޙުޖުރާތު: 13)
އިސްވެދިޔަ ދަލީލުތަކުން ސާބިތުވާ ގޮތުގައި އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ދަޢުވަތާއި އެކަލޭގެފާނު ގެންނެވި ރިސާލަތަކީ އިންސާނީ ޙަޔާތުގެ ބައިނަލްއަޤުވާމީ ނުސްޚާއެކެވެ. މުޅި އިންސާނިއްޔަތުގެ ހިތްތަކުގެ ފަރުވާއެކެވެ.

ފުޅާ ދާއިރާއެއްގެ ނަމޫނާއެއް

އިންސާނިއްޔަތަށް ޓަކައި ފުޅާ ދާއިރާއެއްގެ ނަމޫނާއެއް ކަމުގައި ވާނީ އެ ޝަޚްޞިއްޔަތެއްގެ ސީރަތުގައި އިންސާނީ ދިރިއުޅުމުގެ ހުރިހާ ދާއިރާތަކެއްގެ ނަމޫނާ ފެންނާން ހުރި ޝަޚްޞިއްޔަތެކެވެ. އިންސާނުން ހިނގާން އޮތް މަގަށް އަލިކޮށްދޭ ދަންމަރަކީ އެ ޝަޚްޞިއްޔަތެއް ކަމުގައި ބެލުމުން އިންސާނީ ޙަޔާތުގައި އެއްވެސް ހުސްކަމެއް އޮތަނުދިނުމަށް ޓަކައެވެ. އިރްޝާދާއި ނަމޫނާ ފެންނާން ނެތް އެއްވެސް ދިމާއެއް އޮތަނުދިނުމަށް ޓަކައެވެ.

އިންސާނެއްގެ ޙަޔާތު މުހިއްމު ތިން ދާއިރާއަކަށް ބަހައިލެވިދާނެއެވެ. އޭނާގެ އިންފިރާދީ ދިރިއުޅުމާއި، ޢާއިލީ ދިރިއުޅުމާއި، އިޖުތިމާޢީ ދިރިއުޅުމެވެ. އިންސާނެއްގެ ޙަޔާތުގެ މި ތިން ބައިގެ ވެސް މަޢުލޫމާތު ލިބޭނީ އެ ދާއިރާއަކަށް ފުރިހަމަޔަށް އަލިކަން ލިބޭން ހުރެގެންނެވެ. ސަލާމް ލެއްވި ޢީސާގެފާނުގެ އިންފިރާދީ ޙަޔާތްޕުޅާ މެދު ފުދޭ މިންވަރާ ގާތަށް ވެސް އަލިކަމެއް ލިބޭކަށެއް ނެތެވެ. މުޢުޖިޒާތީ ބައެއް ޙާދިޘާތަކާއި، ބައެއް ދަތުރުފުޅުތަކާއި، އަޚްލާޤީ ނަސޭހަތްޕުޅުތަކެއް ފިޔަވައި މި ދާއިރާއާ ގުޅޭ އެއްވެސް މައުލޫމާތެއް ބައިބްލުން ލިބޭކަށެއް ނެތެވެ. އެ ކަންކަމުގެ ވެސް އެކަށޭނަ ތަފްސީލުތަކެއް ނެތެވެ. އެކަލޭގެފާނުގެ ހެދުންކޮޅު ތުރުކުރެއްވި ގޮތްކޮޅެއް، ފަރީއްކުޅުއްވުމުގައި ގެންގުޅުއްވި ފާޑުވެރިކަމެއް، އަވަހާރަފުޅު ލެއްޕެވުމާއި ހޭފުޅުލައްވައި އުޅުއްވުން ހުރީ ކިހިނެއް ކަމެއް، ވާހަކަފުޅު ދެއްކެވުމާއި، މީހުނާ ބައްދަލުކުރެއްވުން ހުރިނެތް ގޮތެއް، ޠަހާރަތާއި އަޅުކަންކުރެއްވުމުގައި ގެންގުޅުއްވި އަދަބުތަކެއް ބައިބްލުން އެއްވެސް ވަރަކަށް ފިލާކަށެއް ނެތެވެ. އެހެންކަމުން ފަރުދެއްގެ އިންފިރާދީ ޙަޔާތުގެ ނަމޫނާއެއް ކަމުގައި މަސީޙު ބަލައިގަނެވޭނެ ޖާގައެއް ނެތެވެ.

ދެވަނަޔަށް އޮތީ ޢާއިލީ ދިރިއުޅުމެވެ. ސަލާމްލެއްވި ޢީސާގެފާނަކީ ޢާއިލީ ދިރިއުޅުއްވުމެއް ބިނާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނު ކާވެނިފުޅެއް ނުކުރައްވައެވެ. އުޅުއްވީ ހުސްސަރިބައިފުޅަށެވެ. އެހެންކަމުން ކާވެނީގެ ގުޅުމުގެ ފާޑުވެރިކަމާއި، ދެމަފިރިންގެ ޙައްޤުތަކާއި، ދަރީންގެ ޙައްޤުތަކާއި، ބަލަދުވެރީންގެ ވާޖިބުތަކާއި، އާމްދަނީ ހޯދުމުގެ ހަރާމް ހަލާލު ގޮތްތަކާއި، މި ބާވަތުގެ އެއްވެސް ކަމެއްގެ އިރްޝާދެއް މަސީޙުގެ ފަރާތްޕުޅަކުން ލިބޭކަށެއް ނެތެވެ.

ދެން އޮތީ އިޖުތިމާޢީ ދިރިއުޅުމެވެ. މަސީޙަށް ދުވަހަކު ވެސް ވެރިކަމާއި އަމީރުކަމުގެ ފުރުސަތެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ދައުލަތެއްގެ އިދާރީ ހިންގުމާއި، ވެރީންނާއި ރައްޔިތުންގެ ގުޅުމާއި، ޢަދުލު އިންޞާފު ޤާއިމުކުރާނެ ގޮތާއި، ހަނގުރާމައާއި ޞުލްޙައިގެ ޤާނޫނުތަކާއި، ދޭދޭ ޤައުމުތަކުގެ ގުޅުންތަކާއި، ޢަސްކަރީ ނުވަތަ ދިފާޢީ ނިޒާމާ ބެހޭގޮތުން އެކަލޭގެފާނުގެ ފަރާތްޕުޅުން އެއްވެސް އިރްޝާދެއް ލިބޭކަށެއް ނެތެވެ.

މަސީޙުގެ ރައްކައުވުމާ ބެހޭ ގޮތުން ބައިބްލުން އިބްތިދާއީ މައުލޫމާތުކޮޅެއް ލިބެއެވެ. އެއަށްފަހު އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ދަނީ ފަރުދާގެ ނިވަލަށެވެ. ދެން ހާމަވެގެން ދަނީ ނަބީކަން ލިބިވަޑައިގަތުމާ ހަމައިންނެވެ. އޭގެ ފަހުން ހޭދަވެގެން ދިޔަ އަހަރެއް ދެ އަހަރެއް ހައި ދުވަހުގެ ތެރެއިން ފަރުބަދައިގެ ވަޢުޡާއި، އެ ނޫން ވެސް އެއް އަތުގެ އިނގިލިތަކުން ގުނައިލެވޭ ފަދަ މަދު ޙާދިޘާތަކެއްގެ ޚަބަރު ލިބެއެވެ. އެކަންކަން ހިނގި ގޮތާ މެދު ވެސް ޚުދު ކްރިސްޓިއަނުން ވެސް އިއްތިފާޤެއް ނުވެއެވެ. މަސީޙު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ބައިތުއްލަޙުމުގައި ކަމެއް، ނާޞިރާގައި ކަމެއް ވެސް ކްރިސްޓިއަނުންނަކަށް ކަށަވަރުކޮށެއްނުދެވެއެވެ.

ކަން މިހެން ހުރި އިރު، މިހާ ބޮޑަށް ފަރުދާގެ ފުރަގަހުގައި ހުންނެވި ޝަޚްޞިއްޔަތެއް އިންސާނީ ޙަޔާތުގެ ނަމޫނާއަކަށް ބެލޭނީ ކިހިނަކުންތޯއެވެ؟ އިންސާނީ ޙަޔާތުގެ މުހިއްމު ދައުރުތަކެއް އެ ބޭކަލެއްގެ ޙަޔާތްޕުޅުގައި އައިސްފައި ވެސް ނުވާ ބޭކަލަކު އެފަދަ ދައުރުތަކެއްގެ ނަމޫނާއަކަށް ވާނެތޯއެވެ؟ އިންސާނީ ޙަޔާތުގެ ސަރާސަރު ފުޅާ މައިދާނުގައި އެ ބޭކަލެއްގެ އަރިހުން ނަމޫނާ ލިބިގަންނާނީ ކިހިނަކުންތޯއެވެ؟

ދެން އަޅުގަނޑު މި ރޮނގުން ބަލައިލާނީ އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށެވެ. އިންސާނެއްގެ ޙަޔާތުގައި ދިމާވެދާނެ ކޮންމެ ކަމަކަށް އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ފެންނާން އެބައޮތެވެ. އިންސާނާގެ އުފަލާއި ހިތާމައިގެ ވަގުތުތަކެވެ. އުފަންވުމާއި ފުރައުއްތަވުމެވެ. ފަތަޙައާއި ނާކާމިޔާބީއެވެ. ނިދުމާއި ހޭލާހުރުމެވެ. އިށީނދެއިނުމާއި ހިނގައިބިނގައިވުމެވެ. ބައްދަލުވުމާއި ތަހްނިޔާކިޔުމެވެ. ޒިޔާރަތްކުރުމާއި ތަޢުޒިޔާކިޔުމެވެ. އަޅުކަންކުރުމާއި އާމްދަނީ ހޯދުމެވެ. ގަނެވިއްކުމާއި ދަރަނިނެގުމެވެ. ރަހުނުކުރުމާއި ހިބަކޮށްދިނުމެވެ.
މުޟާރިބަތާއި ކާވެންޏެވެ. ވަރިކުރުމާއި ދެމަފިރިން ތަފްރީޤުކުރުމެވެ. ކުށްވެރީންނާއި އެބައިމީހުންގެ އަދަބުތަކެވެ. ދަނޑުވެރިކަމާއި މަޖޫރީކުރުމެވެ. ވެރިކަން ހިންގާނެ އުޞޫލުތަކެވެ. ހަނގުރާމައާއި ޞުލްޙައިގެ ޤާނޫނުތަކެވެ. ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ހަމަތަކާއި އުޞޫލުތަކެވެ. ދޭދޭޤައުމުތަކާއި ދައުލަތްތަކުގެ ގުޅުންތަކެވެ. އިތުރު ސާހިބާގެ ސީރަތުން އެ ކަމެއްގެ ނަމޫނާ ފެންނާން ނެތް އެއްވެސް ކަމެއް ނެތެވެ. އިސްތިންޖާކުރުމުގެ އަދަބުތަކާއި އަނބިފިރިކަމުގެ ގުޅުން ހިންގާނެ ގޮތްތަކަށް ދާންދެން ހުރިހާ ކަމަކަށް ވެސް އިތުރު ސާހިބާ ވަނީ އިރްޝާދުދެއްވައިފައެވެ. މަގުދައްކަވައިފައެވެ. އިތުރު ސާހިބާ ރައްކައުވީއްސުރެ އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފުމާ ހަމަޔަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ހުރިހާ ކަމެއް ވަނީ ލިޔެވި ރެކޯޑުކުރެވިފައެވެ. ކަރުދާހުގައި ކުރެހިފައިވާ ފިލްމެއް ފަދައިންނެވެ.

ޝައްކެއް ނެތެވެ. އިންސާނާގެ ހިތުގައި އޭނާ އުފެއްދެވީ ކޮން މަޤުޞަދެއްގައި ކަމުގެ ސުވާލު އުފެދޭނެ ދުވަހަކީ ނައިސް ނުދާނެ ދުވަހެކެވެ. އެހެން ދުނިޔެއެއްގައި ފިޔަވަޅު އަޅަން ޖެހޭނެކަން ޤަބޫލުކުރެވޭނެ ދުވަހަކީ ޔަޤީނުން ވެސް އަންނާނެ ދުވަހެކެވެ. އެ ދުވަހަކުން އޭނާ ދީންތައް މުޠާލިޢާކުރަން އަވަސްވެގަންނާނެއެވެ. ދީންތަކާއިގެން ވަޑައިގެންނެވި ރަސޫލުންގެ ސީރަތު ދިރާސާކުރުމުގައި ހީވާގި ވާނެއެވެ. އޭނާގެ ހޯދުމުގެ ޝައުޤު އޭނާ އެންމެ ފަހުން ގެންދާނީ އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ހިރިޔާފާތުރާގެ ދަށަށް ކަމީ ކަށަވަރު ކަމެކެވެ.