14:30


މަގާމުން ދުރުކޮށްފައިވާ ކިރްގިސްތާނުގެ ރައީސް ކުރްމަންބެކް ބަކިޔޭވް ސުލްހަވެރިކަމާއެކު އެނބުރި ވެރިރަށް ބިޝްކެކަށް ވަޑައިނުގެންފިނަމަ ހައްޔަރުކުރާނެ ކަމަށް އެގައުމުގެ ވަގުތީ ސަރުކާރުން ބުނެފި އެވެ.


މިދިޔަ ހަފްތާގައި އެގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކަށްފަހު މަގާމުން ދުރުކޮށްފައިވާ ރައީސް ބަކިޔޭވް މިހާރު ހުންނެވީ އެގައުމުގެ ދެކުނުގެ ސަހަރެއް ކަމަށްވާ ޖަލާލުއާބާދުގަ އެވެ. ފުލުހުންނާ އަވަހަށް ހަވާލުވެވަޑައިގަތުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން އޭނާއަށް ތަކުރާރުކޮށް އަންގަމުންދާއިރު ވެސް ބަކިޔޭވް ވިދާޅުވެފައިވަނީ އޭނާ އިސްތިއުފާ ނުދެއްވާ ކަމަށާއި ގައުމުގައި އަދިވެސް އޭނާއަށް ތާއީދު އޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.


ނަމަވެސް ކިރްގިސްތާނުގެ ވަގުތީ ސަރުކާރުން ބުނެފައި ވަނީ ބަކިޔޭވް އަށް ރައީސެއްގެ ހައިސިއްޔަތުން ގާނޫނުން ލިބިވަޑައިގެންފައިވާ ހިމާޔަތް މިހާރަކު ލިބިވަޑައިނުގަންނަވާނެ ކަމަށާއި، އެނބުރި ވަޑައިނުގެންފިނަމަ ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރަންޖެހިދާނެ ކަމަށެވެ. އަދި ބަކިޔޭވްގެ ކުށްތަކުގެ ތަހުގީގު މިހާރު ފަށައިފައިވާ ކަމަށާއި އަންގާރަ ދުވަހުގެ މެންދުރުގެ ކުރިން ބަކިޔޭވް އެނބުރި ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ކޮރަޕްޝަންގެ ތުހުމަތުގައި އެގައުމުގެ އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ހިންގި ހަޅުތާލުތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކަށް ބަޔަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.