03 Jun 2015, 15:35
ޕާސްޕޯޓްގެ ހިދުމަތަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ދޭ ހިދުމަތްތައް އައިއެސްއޯ 9001-2008 މިންގަޑަށް ފެއްތުމުގެ މަސައްކަތްކަތް މެޑިކްއިޕް އާ ހަވާލު ކުރުމަށް އިމިގްރޭޝަންގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަންނަވަރު ވިދާޅުވީ އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ފުރަތަމަ ދޭނީ އިމިގްރޭޝަނާ ގުޅިފައިވާ އެޖެންސީތައް މެދުވެރިކޮށްގެން ކަމަށެވެ.
"...އަޅުގަނޑުމެން އެބަ ގަސްދުކުރަން ޕާސްޕޯޓް ހިދުމަތަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށް ގޭގައި ތިއްބަވައިގެން ވެސް މިހިދުމަތަށް އެދެވޭނެ އިންތިޒާމްތައް ހަމަޖައްސަން. ދެން އަޅުގަނޑުމެން މިގަސްދުކުރަނީ ވަރަށް އަވަސް މުއްދަތެއްގައި މިކަންތައް ކުރުމަށް. މިހާރުވެސް އަޅުގަނޑުމެންގެ އެޖެންޓުންތައް އެ ތިބޭ ޕާސްޕޯޓަށް އެދި ހުށަހަޅާ ތަންތަން. އެހެންވީމާ ފުރަތަމަ އެބޭފުޅުން މެދުވެރިކޮށް އޮންލައިންކޮށް އަޅުގަނޑުމެންނަށް މި ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ފަށަން އަޅުގަނޑުމެން މި ގަސްދުކުރަނީ،" އަންވަރު ވިދާޅުވިއެވެ.
މިހާރު ޕާސްޕޯޓް ހެދުމަށް އެދެމުން ދަނީ ކިޔޫގައި ތިބެގެންނެވެ. އަދި ބައެއް އެޖެންސީ ތަކާއި ހަވާލުކޮށްގެން ވެސް ހުށައެޅެއެވެ.