ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންނުން ދޫކުރާ ޓްރެވެލް ޑޮކިއުމެންޓްތައް ދޫކުރުމުގެ މަސައްކަތް އައިއެސްއޯ 9001- 2008 މިންގަނޑަށް ފެއްތުމަށް ކުރަން ޖެހޭ މަސައްކަތްތައް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

އިމިގްރޭޝަންގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަސައްކަތް ހަވާލުކުރީ މެޑިކްއިޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މަސައްކަތުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު މުފީދެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ.

އިންޓަނޭޝަނަލް ސްޓޭންޑާޑް އޯގަނައިޒޭޝަން ( އައިއެސްއޯ)ގެ 9001:2008 ސްޓޭންޑާޑަކީ ހިދުމަތުގެ ފެންވަރުގެ މިންގަނޑުތަކެކެވެ. އައިއެސްއޯ 9001:2008 ސެޓްފިކެޓް ލިބެނީ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ މިންވަރަށް ހިދުމަތް ދެވޭތޯ ބަލައި، އިދާރީ އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކޮށްގެންނެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް އައި.އެސް.އޯ މިންގަނޑަށް ފައްތައި، އެކަމުގެ ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް މެޑިކްއިޕް އިން ކުރާނީ އިންޑިއާގެ ލަކްޝީ މެނޭޖްމަންޓް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މެޑިކްއިޕް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ ގިނަ ކުންފުނިތަކައި ރިޒޯޓްތަކަށް އައި.އެސް.އޯ ސަރޓިފިކޭޝަން ހޯދުމުގެ މަސައްކަތް ކޮށްދީފައިވާ ކުންފުންޏެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ އަންވަރު ވިދާޅުވީ އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން މިހާރުވެސް އެންމެ ރަނގަޅު ފެންވަރެއްގައި ދޭ ހިދުމަތަކީ ޕާސްޕޯޓްގެ ހިދުމަތް ކަމަށެވެ. އަދި ވިދާޅުވީ އެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ދޭން އިމިގްރޭޝަނުން ބޭނުންވާ ކަމަށެވެ.